ހިޔާވަހި ފައިނޭންސް ސްކީމް ލޯންޗުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކު ހައުސިންގ މިނިސްޓްރީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

ރޭޑިއޯ ބިލްޑިންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އެވެ. އަދި އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދުއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މި ސްކީމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހާއްސަކޮށްގެން ކަމަށެވެ.

މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ގާއިމްކުރުމަށް ލޯނު ދޫކުރެވޭނީ %5 އިންޓަރެސްޓް ރޭޓުގައި ކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ.

މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބާވަތައްގެ ލޯނުގެ މައްޗަށެވެ. އެއީ އަތޮޅު ތެރޭގެ ރަށްތަކަށް ހާއްސަ ލުއި ލޯނުގެ ސްކީމާއި ގްރޭޓަރ މާލެ ސަރަހައްދާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ހާއްސަ ލުއި ލޯނު ސްކީމެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އަތޮޅު ތެރޭގެ ރަށްތަކަށް ހާއްސަ ލުއި ލޯން ސްކީމްގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރެވޭނީ އެއް މިލިއަން ރުފިޔާ ކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ހާއްސަ ލުއި ލޯނު ސްކީމްގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރެވޭނީ ތިން މިލިއަން ރުފިޔާކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ހިޔާވަހި ފައިނޭންސް ސްކީމާ ގުޅޭ އިތުރު ތަފްސީލު އެ މިނިސްޓްރީން ފަހުން އާންމުކުރާނެ ކަމަށެވެ.

ކުޑަ އިންޓަރެސްޓް ރޭޓުގައި ހައުސިންގ ލޯނު ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.