ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމުގެ މަގްސަދުގައި، ”އިސްރަށްވެހިންގެ ނާދީ“ ތަރައްގީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އާއި ދެމެދު ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

Ads by Asuru

މި ފަހުމުނާމާގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.

އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާމަގައި މިއަދު ސޮއިކުރި އިރު، މި ކޯޕަރޭޝަނުން ވަނީ ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލާ ފަށާފައެވެ.

އަދި އެތަނުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިއީ އެޗްޑީސީގެ ސީއެސްއާރުން ތަރައްގީ ކުރާ ޕްރޮޖެކްޓެކެވެ.

ހިޔާ ޓަވަރ 8 ގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައި ވެއެވެ.

އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިންނެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ މިފަދަ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޑީސީ އިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.