ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި، އިޝްތިހާރު ބޯޑުތައް ބަހައްޓާ މައްސަލައިގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by Asuru

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ގާއިމްކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަންގައި މިވަގުތު ޖަހާފައިވާ ބޯޑުތައް އެ ކޭބަލް ވިއުގައިގެ މަތީގައި ހުރުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެ ކޭބަލް ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ގެއްލުމެއްވެއްޖެނަމަ، އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ސްޓެލްކޯއިން މާލެ އަދި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ އިޝްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދޭ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވެ، މިކަންކަން ބައްލަވައި ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ފަހުމީ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިއީ ކޭބަލް ވިއުގައިގެ މަތީގައި އިސްތިހާރު ބޯޑު ޖެހުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރާނައަށް ވެސް ނުރައްކާތެރި ކަމެއް ކަމުގައި ފަހުމީ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަަދިި އެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުއްޓުމެއް ނެތި ކުރަމުންގެންދާ ބައެއް ކަމަށެވެ.

އަދި އެ ކުންފުނީގެ މުވައްޒަަފުން މެދުނުކެނޑި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވިއެވެ.

ޕޯސްޓަރު ހަރުކުރަން އިންޓަކަނެކްޝަން ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަގަނޑު ޖަހައިގެން ލިބޭ ގެއްލުމަށް ދައުވާކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.