ޕީޕީއެމް އަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އިނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ ޕީޕީއެމްއަށް އެއްވެސް ދިރުމެއް ދޭން މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ހާމަވަމުންދާކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަބްދުއްލާ ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ދެއްވި ރައްދުގައެވެ.

އެކަމަށް ދެއްވި ރައްދުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ހިނގަމުންދަނީ ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

އަދި ދެ ޕާޓީގެ ލީޑަރަކީ ރައީސް ޑރ މުއިއްޒު ކަމަށާއި ދެ ޕާޓީއާއި ގައުމުވެސް ކުރިއަށްގެންދަވަނީ މުއިއްޒު ދުވެލީގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ ރައްދުދެއްވާފައެވެ. ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މިވަގުތުގެ ލީޑަރަކީ ރައީސް ޑރ މުއިއްޒު ކަމަށާއި މި ދެ ޕާޓީގެ ލީޑަރޝިޕްވެސް އޮތީ އެމަނިކުފާނާއެކު ރައްޔިތުންނަށް ބޭނުންވާ ތަރައްގީ މިގައުމަށް ހޯދައިދިނުމަށް ފިސާރު ސާބިތުކަންމަތީ ކަމަށެވެ.

އެމްޑީޕީން މި ގައުމު ވައްޓާލި އަނދަވަޅަކުން ގައުމު ނަގައި ހަމަ މަގަށް އެޅުވުމަށް ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ރައީސް މުއިއްޒު ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ހިކުމަތާއެކު ކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ދިވަހި ރައްޔިތުންނަށް މިހާރުވެސް ފެންނަމުންދާކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ބާރަށު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް ޝުޖާއު ރައީސް ޔާމީނަށް ވިދާޅުވީ ޕީޕީއެމްގައި ނުވާ މީހަކަށް ޕީޕީއެމް ނުވަތަ ކޯލިޝަން މިހާރު އޮޕަރޭޓްވާ ގޮތް ނޭނގޭނެކަމަށެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒު ދެ ޕާޓީވެސް ހިންގަވަނީ އެއްވެސް ފަނޑުވުމެއް ނާންނާނެ ގޮތަށް ކަމަށާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ.

އިސްކުރަނީ ދީނާއި ޤައުމިއްޔަތު. ބިނާކުރަނީ ޤައުމު، އުފާފާގަތިކަން ހޯދައިދެނީ ރައްޔިތުންނަށް. އައި ހަމައެކަނި ބަދަލަކީ ކޯލިޝަންގެ ލީޑަރުކަމަށް އައި ބަދަލު.

ރައީސް ޔާމީން އަލަށް އުފައްދަވައިގެން އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފަރާތުން މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މިފަހަރުގެ މަޖިލީހަށް ޕީޕީއެމްގެ ފަރާތުން އެއްވެސް މެމްބަރަކު ވާދަކުރުމުގެ ފުރުސަތު ރައީސް މުއިއްޒު ދެއްވާފައިނުވާކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއަކީ އެކައްޗެއް ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ ބަދަހިކަމާއެކު، ރަސްމީކޮށް ހަދާފައިވާ ކޯލިޝަންގެ ގޮތުގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ މި ކޯލިޝަނުން ރަށު ކައުންސިލް އިންތިހާބުގައި އެންމެން ވާދަކުރީ ޕީޕީއެމް ކެނޑިޑޭޓުގެ ނަމުގައި ކަމަށެވެ. އަދި މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުގެ ނަމުގައު ވާދަކުރަނީ ދެ ޕާޓީއަށްވެސް ހަމަހަމަ ފުރުސަތު ދިނުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކައިރީގައި ތިބި ’އާރުކާޓީ’އިން ގެންދަނީ ޕީޕީއެމް ނައްތާލުމަށް މަސައްކަތް ކުރަމުން ކަމަށާއި ޕީޕީއެމް އަށް އެއްވެސް ދިރުމެއް ދޭން އެމީހުން ބޭނުން ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ފިޝަރީޒް މިނިސްޓަރ އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަހުމަދު ޝިޔާމްވެސް ވަނީ ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދުދެއްވާފައެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ޕީޕީއެމް އަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއް ނަމަ ހަގީގާތާ ހިލާފު ވާހަކަތައް ދައްކަވާ، ރައްޔިތުންގެ ނަފްރަތު މި ސަރުކާރަށް އަމާޒުކުރުވަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ ބޭފުޅުން ތިއްބަވާނީ ޕީޕީއެމްގައި ކަމަށާއި ރައީސް މުއިއްޒުގެ މި ސަރުކާރުގެ ކާމިޔާބީއަކީ ޕީޕީއެމްގެ ދިރުމާއި ކާމިޔާބީކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބަށް ނުކުމެވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންގެވި ފޯމިއުލާގެ ތެރެއިން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރުންނާއި ސެނޭޓާއި އިންތިހާބުކޮށްފައިވާ ދެ ޕާޓީގެ ހުރިހާ ގުނަވަންތަކާއި އާއްމު މެމްބަރުންގެ ފުރިހަމަ އިތުބާރާއި ތާއީދާއެކު ކަމަށެވެ.

އަދި މިއަދުވެސް ހާލަތު އޮތީ އެހެންކަމަށާއި ޕީޕީއެމް އިން ދަނީ ރައީސް މުއިއްޒުގެ އަރިހުގައި ސާބިތުކަމާއެކު ވަރުބަލިކަމެއްނެތި ހަރަކާތްތެރިވަމުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ސަފުތަކަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި އިރާދަކުރެއްވިއްޔާ ނުވެސް އަންނާނެ ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ދެ ޕާޓީގެ ލީޑަރޝިޕުން ނުވެސް ގެންގުޅޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފަޒުލް ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީގެ ލަޝްކަރު ވަރުގަދަކޮށް ގައުމު ބިނާކުރުމުގައި ރައީސް މުއިއްޒު ދެމިހުންނަވާނެ ކަމަށެވެ.