އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށް، ސްކޫލުތަކުގެ ދަރިވަރުންނަށް (18 އަހަރުން ދަށުގެ އުމުރުފުރާއަށް) ހާއްސަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

Ads by Asuru

ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ވައުދުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ހާއްސަ ސިޔާސަތުގެ ދަށުން، 1 އޭޕްރީލް 2024 އިން ފެށިގެން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފްކޮށް އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

01 ޖަނަވަރީ 2024 ގައި ތައާރަފްކުރެވުނު މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށްވަނީ ބަދަލުގެނެވިފައެވެ

މިގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވަނީ ބަދަލުގެނެވިއެވެ.

01 އޭޕްރީލުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެއެވެ.

އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.