ރޭ މާލޭގައި ވަރަށް އަނިޔާވެރި ގޮތަކަށް އަންހެން ކުއްޖަކު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލް އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދެވެ. އޭނާގެ އުމުރަކީ 22 އަހަރެވެ.

އެ މައްސަލައާ ގުޅިގެން ޝާހިލް ރޭ ހައްޔަރުކޮށްފައިވާއިރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

މި މަރާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން، ފުލުހުން މިއަދު ބުނީ، މި މައްސަލާގައި ތުހުމަތުކުރެވެނީ ޝާހިލް އަށް އެކަނި ކަމަށެވެ. ނަމަވެސް މިވަގުތާއި ހިސާބަށް އޭނާ ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ.

ޝާހިލް އަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް ފަރާތަކަށް ނުވި ނަމަވެސް އޭނާ ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

”މިވަގުތާއި ހިސާބަށް ލިބިފައިވަނީ މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ ވަގުތީ ނަތީޖާއެއް.“

ފުލުހުން ވަނީ މި ހަމަލާދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތައް ހޯދިފައިވާ ކަމަށްވެސް ބުނެފައެވެ.

ޝިއާއު މަރާލާފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށާއި، އެ އަނިޔާތަކުގެ ތަފްސީލު، މިވަގުތު ހާމަކުރެވެން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވި ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.