އޮޅުވާލުމާއި ޒާތީ ތައައްސަބު އިންތިހާބުގެ ތެރެއަށް ވައްދައިގެން އިންތިހާބު ގަޑުބަޑުކުރުމުގެ މަސައްކަތް ނުކުރުމަށް ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ލ.ގަމު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ޔޫސުފް ރަޝީދު (ޔޫތު)، އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގޮވާލައްވައިފިއެވެ.

Ads by Asuru

ޔޫތު މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޔޫތު ވިދާޅުވީ މި ސަރުކާރަށް ދަތިތައް ކުރިމަތިކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ގަޑުބަޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޔޫތު ވަނީ ހަގީގަތާއި ކުރިމަތިލުމަށް އެމްޑީޕީއަށް ގޮވާލާފައެވެ.

ޔޫތު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ތެރެއިން ދޭންޖެހޭ އެއްބާރުލުން ދެވޭނީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ. އަދި އިދިކޮޅު މެމްބަރުންތަކަކަށް މަޖިލިސް ދީގެން ގައުމަށް އަންނާނެ ތަރައްގީއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރަކު ހުރެގެން ހޯދައިދެވޭނެ ބޯހިޔާވަހިކަމެއް، ހަދައިދެވޭނެ ބަނދަރެއް، ގެނެސްދެވޭނެ އިޖްތިމާއީ، އިގްތިސާދީ، އުމްރާނީ އެއްވެސް ތަރައްގީއެއް ނޯންނާނެ. މާޒީއަށް ބަލާލުމުން އެކަން ވަރަށް ސާފުކޮށް އޮތީ ފެންނަން.

ޔޫތު ވިދާޅުވީ ތަރައްގީގެ މިފަދަ މަޝްރޫއުތައް ލ. ގަމުގައި ކުރިއަށްގެންގޮސް ފުރިހަމަ ކުރެވޭނީ އެ ދާއިރާއަށް އޭނާ ހޮވިގެން ކަމަށެވެ.