ރިޔާސީ ކެމްޕެއިން ދުވަސްކޮޅު ޕީޕީއެމް އިން މަސައްކަތްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެ ޕާޓީ އިން ބޭރުކޮށް، ޕްރައިމަރީއިން ބަލިކުރަން ކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިއުނާ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ މެމްބަރުންނާއި ޕާޓީތައްވެސް މަގުމަތިކޮށްލާނެ ނަމަ، ސުޕްރީމް ކޯޓުން ހުކުން އިއްވުމުގެ ކުރިން ޕީއެންސީން ކެނޑިޑޭޓަރު ދެއްކުމުގެ ފުރުސަތު ނުދެއްވީސް ކަމަށް ކުރީގެ ރައީސް އަބްދުއްލާ ޔާމީން ވިދާޅުވުމާ ގުޅިގެން އެކްސްގައި ދެއްވި ރައްދެއްގައެވެ.

ރައީސް ޔާމީންގެ ވާހަކައަށް ރައްދު ދެއްވައި ޝިއުނާ ވިދާޅުވީ ހުކުމުގެ ކުރިން ކެންޑިޑޭޓް ނެރެން ފުރުސަތުދީފައި ކަން ކުރަން އުޅުނީ ވަރަށް ހިޔަޅު ވިސްނުމުގައި ކަމަށާއި، ޕީޕީއެމްގެ އޭރުގެ ލީޑަރޝިޕުން އުޅުނީ ރައީސް މުއިއްޒު ޕީޕީއެމް އިން ވަކިކޮށް ޕްރައިމަރީ އިން ބަލިކުރަން ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ

ޝިއުނާ ވިދާޅުވީ ޕީޕީއެމް އިން ރައީސް މުއިއްޒު ވަކިކުރުމަށް އެ ޕާޓީން ހޭވި ހުރިހާ ހަޑިއެއް ގާތުން ފެނުނުކަމަށާއި، އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރެއްވުމުންވެސް ޖަމީލު ނުކުމެ ބުނީ އެއީ ޕްލޭން ސީ ކަމަށެވެ.

އަދި ޕީޕީއެމް އިން އޭރު ރޭވި ހުރިހާ ނުބައި ރޭވުންތައް ނާކާމިޔާބުވެ ގޮތް ހުސްވީ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ގެންދަވަނީ ޕީޕީއެމް އާއި ޕީއެންސީގެ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން ޕީޕީއެމް އަށް އެއްވެސް ދިރުމެއް ދޭން މިހާރުގެ ރައީސް ޑރ މުއިއްޒު ބޭނުންފުޅުނުވާކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވައި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ދެ ޕާޓީވެސް ހިންގަވަނީ އެއްވެސް ފަނޑުވުމެއް ނާންނާނެ ގޮތަށް ކަމަށާއި ހަމައެކަނި އައި ބަދަލަކީ ކޯލިޝަނުގެ ލީޑަރު ބަދަލުވުން ކަމަށެވެ.