ރިޔާސީ ކެމްޕެއިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި 200 އަށްވުރެ ގާނޫނު ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ޖެހޭ ކަމަށާއި، އެ ވައުދުތައް ފުރިހަމައަށް ފުއްދުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ބޭނުންވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ރާއްޖެއެއް ގާއިމްކުރުމަށް ރައްޔިތުން ކުރި ފޮނި އުއްމީދުގައި ފުރިހަމަ ކުލަވަރު ޖައްސައިދޭނެ ވިސްނުމުގައި ތިބި މެމްބަރުން މަޖިލީހަށް ހޮވުމުގެ އަޒުމުގައި ދިވެހިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އިތުބާރާއެކު މެނިފެސްޓޯގައި ހިމެނި ވައުދުތައް ފުއްދުމުގައި ކުރިއެރުން ލިބި ނަތީޖާ ނެރެވޭނީ ސަރުކާރަށް އެއްބާރުލުންދޭނެ ކެނޑިޑޭޓުން މަޖިލީހަށް ހޮއްވަވައިގެން ކަމަށެވެ. އެގޮތުން ރައްޔިތުންނަށްޓަކާ ވަރަށް މުހިންމު ވައުދުތައްވެ، މެނިފެސްޓޯގައި ލިޔެފައި ހުންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ޖެހޭ 200 އަށްވުރެ ގިނަ ގާނޫނު އެބަ އޮތް ކަމަށެވެ. އަދި އެއީ ގާނޫނުތަކަށް ގެންނަންހުރި ބައެއް އިސްލާހުތަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދައުރުތެރޭގައި ހުށަހަޅަން ހުރި އެންމެ މުހިންމު ބިލްތަކުގެ ތެރޭގައި ބިމާއި ބެހޭ އާ ބިލަކާއި، ބޯހިޔާވަހިކަމާއި ބެހޭ ބިލަކާއި، ރިއަލް އެސްޓޭޓް އާ ބެހޭ ބިލަކާއި، މާލެ ސިޓީއިން ލިބޭ ހިދުމަތްތަކާއެކު އެހެން ސިޓީތަކުގައި ރައްޔިތުންނަށް ދިރިއުޅެވޭ ގޮތަށް ކަންކަން ބައްޓަންކުރުމަށްޓަކައި ހާއްސަ ބިލުތައް ހިމެނޭ. މިކަންކަމެއް ނުވާނެ މިކަންކަން ކޮށްދިނުމުގެ ވިސްނުމުގައި ތިބި ބަޔަކު ރައްޔިތުން ހިޔާރު ނުކޮށްފިއްޔާ.

ރައީސް ވިދާޅުވީ މި ކަންކަން ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން އެހީތެރިކަން ބޭނުންވާނެ ކަމަށާއި މިކަންކަން ކޮށްދޭނެ ވިސްނުމުގައި ތިބި މެމްބަރުންތަކެއް ރައްޔިތުން މަޖިލީހަށް ހޮވަންޖެހޭކަމަށެވެ. އަދި ދިވެހިންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށާއި، މި ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށާއި މިނިވަންކަން ޔަގީންކުރެވިފައި އޮތް ރާއްޖެއަކަށް މި ރާއްޖެ ހެދުމަށް ގައުމީ ވިސްނުމުގައި މަސައްކަތް ކުރައްވާނެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.