ހުޅުމާލެ ދެވަނަ ފޭސްގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން ކަމަށާއި އެކަމުގައި ވެސް އިދިކޮޅު އެމްޑީޕީން އަންނަނީ ތަކުރާރުކޮށް އޮޅުވާލަމުން ކަމަށެވެ. އެމްޑީޕީން ދައްކަމުން އަންނަ ދޮގު ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވާ ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށް އެޑްވާންސް ޕޭމަންޓްވެސް މިހާރު ދައްކާފައިވާ ކަމަށެވެ.
އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރެވޭނެ. އެއިން އެއް ލިފްޓަކީ ސްޓްރެޗަރ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. މިއިން ކޮންމެ ޓަވަރެއްގައި މި ދެންނެވި ލެ ލިފްޓް ހަރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ.
ރައީސް ވިދާޅުވީ 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއްގައި 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ރައީސް ވަނީ ހުޅުމާލެ ދެވަނަ ފޭސް ތަރައްގީކުރުމަށްވެސް މި ސަރުކާރުން ރާވާފައިހުރި މުހިންމު ކަންތައްތަކަށް އަލި އަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ގިނަ ދުވަސްތައް ދޫކޮށްލާފައިވަނީ ހުޅުމާލެ ދެވަނަ ފޭސް އަކީ ނެތް ތަނެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި ހަނަފަސް ތަނެއްގެ ގޮތުގައި ދެވަނަ ފޭސް ބޭއްވުމަށްފަހު ރައްޔިތުންނާ އެތަން ހަވާލުކުރީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ މާސްޓަރ ޕްލޭންގެ ދަށުން ދެވަނަ ފޭސްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޭނުންވާނެ ވަސީލަތްތަކާއެކު، ރީތި ސިޓީއަކަށް ހަދައިދޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީން މިހާރު ބުނަމުން އަންނަނީ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބޭނީ އެބޭފުޅުންނާ މަޖިލިސް ހަވާލުކުރުމުން ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން ފްލެޓް ލިސްޓުތަކުން އުނި ކުރި ފަރާތްތަކަށް މި ސަރުކާރުން ފްލެޓް ދޭނެކަމަށް ރިޔާސީ އިންތިހާބުގެ ތެރެއިން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަންތައް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ ވާހަކަ ރޭގެ ބައްދަލުވުމުގައި ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ އަޅާ ސޯޝަލް ހައުސިންގެ މަޝްރޫއިން އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ގެދޮރުވެރިކަމެއް ނެތް އެއްވެސް ރައްޔިތަކު ނުހުންނާނެ ވާހަކައަކީ އެމަނިކުފާނު ތަކުރާރުކޮށް ދައްކަވާ ވާހަކައެކެވެ.