އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި އޮތީ ދިވެހި ރައްޔިތުންގެ ކިބައިން ބަދަލު ހިފުމުގެ ރޫހުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރަމުން އަންނަނީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅި ކަމަށާއި މި ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ އިރުވެސް އެމްޑީޕީން ޕޯޑިއަމްތަކަށް އަރާ ދައްކަމުން އަންނަ ވާހަކަތަކުން އިހުސާސް ވަނީ މިގައުމުގައި ހަމަޖެހުން ގާއިމްވާން ބޭނުން ނުވާކަމަށް އެފަރާތްތަކުގެ ހިތްތަކުގައި އޮންނަކަމުގެ އިހުސާސް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ މި ސަރުކާރު އަދި ދިވެހި ރައްޔިތުންގެ ކިބައިން ބަދަލު ހިފަން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން ތިބި ބައެއްގެ އަތް މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ލަގަން ދޫކޮށްލައިފިނަމަ، ކުރީގައި ތަކުރާރުވި ބަދަލު ހިފުމުގެ އޮއެވަރުގެ ތެރެއަށް ގައުމު ވަދެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެ ރޫހު އަނެއްކާވެސް ކުރިއަށްގެންދަން ދިވެހި ރައްޔިތުން ފުރުސަތު ދީފިއްޔާ، ސަރުކާރުން ރައްޔިތުންނަށްޓަކާ ކޮށްދޭން ހުރި ކަންތަކަށް ފުރުސަތު ނުދީ މިދިޔަ ހަތަރު މަސް ދުވަސް ދިޔަ ގޮތަށް އަދި އެޔަށްވުރެވެސް ނުބައިކޮށް ބަދަލު ހިފުމާއި ހަމަނުޖެހުމުގެ ތެރޭގައި މި ގައުމު ގެންދާނީ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސުބަށްވުރެ، ލޯ ކުރިމަތިން ފެންނަމުންދާ ހަގީގަތްތައް ގަބޫލުކޮށް، ދިވެހި ގައުމާއި، ތުއްތު ދަރިންގެ މުސްތަގުބަލް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ދޭދޭ އަފްރާދުންގެ މެދުގައި ހުރި ހިޔާލު ތަފާތުވުމާއި އެކަކު އަނެކަކަށް ގޯސްކޮށް ކަންތައް ކުރެވިފައި އޮތް ނަމަވެސް އެކަންކަމަށް މާފުކުރުމާއެކު ގައުމީ ވިސްނުން އިސްކޮށް ބަދަލު ހިފުމުގެ ރޫހަށް ފުރުސަތު ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހިން ރާއްޖެއެއް ގާއިމްކުރުމަށް ދިވހި ރައްޔިތުން ކުރި ފޮނި އުއްމީދުގައި ފުރިހަމަ ހަގީގަތް ޖައްސައިދޭނެ ބަޔަކު މަޖިލީހަށް ހޮވުމުގެ އަޒުމުގައި މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ވީ ވައުދުތަކާއި މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގައި ނަތީޖާ ނެރެވޭނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.