ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވަނީ މުއިއްޒު ދުވެލީގައި ކުރިއަށްދިއުމަށް ކަމަށް މާފަންނު ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ބޮޗޭ މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮޗޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ވަގުތު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކިބައިން ފެނިވަޑައިގެންނެވީ އާދަޔާ ހިލާފަށް ވަރުގަދަ އަޒުމެއް އަދި ވަރުގަދަ ސްޕީޑެއްގައި މުޅި ރާއްޖެ 30 ދުވަހުގެ ތެރޭގައި ކަވަރުކޮށް ނިންމާލި މަންޒަރު ކަމަށެވެ. ބޮޗޭ ވިދާޅުވީ ރައްޔިތުން ބޭނުންވާ ސްޕީޑަކީ މިއީ ކަމަށާއި މިއަދު ދިވެހިރާއްޖެ ބޭނުންވަނީ މުއިއްޒު ދުވެލީގައި ކުރިއަށްދިއުމަށް ކަމަށެވެ.

ބޮޗޭ ވިދާޅުވީ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް މުއިއްޒު ސްޕީޑުގައި މަސައްކަތް ކުރާނެ މެމްބަރުންތަކެއް ހޮވިގެން ކަމަށެވެ.

ބޮޗޭ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ސަރުކާރު ކެނޑިޑޭޓުގެ ގޮތުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. މާފަންނު ދެކުނު ދާއިރާއަކީ އެއިރެއްގައި އޮންނަ ސަރުކާރަކާއެކު ތަރައްގީ ގެނައުމަށް އެއްބާރުލުން ދޭނެ ދާއިރާއެއްކަން ފާހަގަކުރައްވާ ބޮޗޭ ވިދާޅުވީ 19 ވަނަ މަޖިލީހަށްވެސް އެ ދާއިރާއިން ހޮއްވެވީ އޭރުގެ ސަރުކާރުގެ ކެނޑިޑޭޓު ކަމަށެވެ. އަދި މިއަދާ ހަމައަށް ބައްދަލުވި ދާއިރާގެ ރައްޔިތުންގެ ޝުއޫރަކީވެސް އެއީ ކަމަށާއި އެ ދާއިރާއިން ބޭނުންވަނީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ރަނުން ރަނަށް ތަންފީޒުކުރެވިގެންދާތަން ބަލަން ކަމަށް ބޮޗޭ ވިދާޅުވިއެވެ.

ބޮޗޭ ވިދާޅުވީ އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓަކީވެސް އޭނާ ކަމަށާއި ދާއިރާއަށާއި މުޅި ރާއްޖެއަށް މުއިއްޒު ދުވެލީގައި ތަރައްގީ ގެނައުމަށް ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް ހޮވަން ޖެހޭ ކަމަށެވެ.