ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ފަނާކުރަނިވި ފިކުރަށް ރައްޔިތުން ބުނީ ނޫނެކޭ ކަމަށް ގއ.ވިލިނގިލި ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޔަޒްމީދު މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ ވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހޮއްވެވުމަކީ އެމްޑީޕީގެ ފަނާކުރަނިވި ފިކުރަށް ރައްޔިތުން ނޫނެކޭ ބުނުން ކަމަށާއި މިފަހަރު ވެރިކަން ހަވާލުކުރައްވާފައިވަނީ ވިޝަނަރީ، ތައުލީމީ، ގާބިލް، ހިންގުންތެރި އަދި ޒުވާން ލީޑަރަކަށް ކަމަށެވެ.
ޔަޒްމީދު ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ މިދިޔަ ސަރުކާރުން ހަމައިން ނައްޓުވާފައި އޮތް ގައުމު އާރާސްތުކުރުމަށް ވަރަށް ގާބިލް ޓީމަކާއެކު މަސައްކަތް ކުރައްވަމުން ކަމަށެވެ. މި ގައުމީ ޖިހާދުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެ އެމަނިކުފާނު ކުރައްވާ މަސައްކަތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.
ޔަޒްމީދު ވިދާޅުވީ މި އެއްބާރުލުން ދިނުމުގެ ފެށުމަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ހޯދައިދިނުން ކަމަށާއި ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއަށް ނޫނެކޭ ބުނި ސަބަބުތަކާ އެއްގޮތަށް މަޖިލިސް އިންތިހާބުގައިވެސް އެ ޕާޓީއަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ބުނީ ގައުމު އަޅުވެތިކުރުމާ ދެކޮޅޭ. ރައްޔިތުން ބުނީ ގައުމުގެ އިގްތިސާދު ފުނޑާލުމާ ދެކޮޅޭ. ރައްޔިތުން ބުނީ ގައުމުގެ މާލިއްޔަތު ލޫޓުވާލުމާ ދެކޮޅޭ. ރައްޔިތުން ބުނީ ގައުމު ވިއްކާލުމާ ދެކޮޅޭ. ރައްޔިތުން ބުނީ ގައުމު އަޅުވެތިކުރުމާ ދެކޮޅޭ.
ޔަޒްމީދު ވިދާޅުވީ ދިވެހިންގެ ރާއްޖެއެއް ގެނައީ މިކަންތައްތަކުން ރައްޔިތުން ސަލާމަތްކުރަން ކަމަށާއި ގައުމު ނަގާ ކޮޅަށް ޖެހުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންވާކަމަށެވެ. އަދި ސަރުކާރަށް މެޖޯރިޓީ ނުލިބި އިދިކޮޅު މަޖިލީހެއް އޮވެއްޖެނަމަ ފެނިގެން ދާނީ މިހާރުވެސް ފެންނަމުން އަންނަ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މަޖިލީހެއް ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.
ޔަޒްމީދު ވިދާޅުވީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށާއި ރާއްޖެއަށް ފުރިހަމަ ތަރައްގީ ގެނައުމަށް ސަރުކާރަށް އެއްބާރުލުންދޭ ކެންޑިޑޭޓުން މަޖިލީހަށް މުހިންމު ކަމަށެވެ. ސަރުކާރަށް މި ފުރުސަތު ދެއްވުމަށް ޔަޒްމީދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޔަޒްމީދު ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް ރައީސް މުއިއްޒު ނަތީޖާ ނެރެދެއްވާފައިވާކަމަށާއި ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ތަރައްގީގެ ކުލަ ޖެހެމުން އަންނަ މަންޒަރު ކަމަށެވެ.
ދިވެހިންގެ ރާއްޖެއެއް ގާއިމްކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯއިން ފުރިހަމައަށް ތަރައްގީ ގެނެވޭނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެންކަމީ އެމަނިކުފާނުވެސް ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ވާހަކައެކެވެ.