ގއ.ވިލިނގިލީއަށް ތަރައްގީ ގެނައުމަށްޓަކައި މި ސަރުކާރުން ވަނީ މުހިންމު ބިޔަ ބޮޑެތި މަޝްރޫއުތަކެއް ރާވާފައެވެ. މި މަޝްރޫއުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ވަނީ ވާހަކަ ދައްކަވާފައެވެ.

Ads by Asuru

ގއ. ވިލިނގިލި ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޔަޒްމީދު މުހައްމަދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ވަރަށް ގާތްވެއްޖެ ކަމަށާއި، މި އިންތިހާބަކީ ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ގިނަގުނަ މަސައްކަތްތައް ކުރުމުގައި ސަރުކާރަށް އެއްބާރުލުންދޭނެ ފިކުރުގައި ތިބި ބަޔަކު ހޮވުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވާންވީ އިންތިހާބުކަމަށެވެ.

ގއ. ވިލިނގިލީގެ ތަރައްގީއަށް ގިނަގުނަ ވައުދުތައް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދާދި ފަހުން އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އޭގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުކަމަށްވާ ވިލިނގިލި އިންޓަނޭޝަނަލް އެއާޕޯޓު ގާއިމްކުރުމަށްޓަކާ އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ އެއާޕޯޓު މަޝްރޫއުގެ ދަށުން ދެން އަންނާނީ އެއާޕޯޓާއި ގުޅިގެން ހެދިގެންދާނެ އެކި ކަހަލަ އިންޓެގްރޭޓަޑް ޓޫރިޒަމްގެ މަޝްރޫއުތައް އަމަލީގޮތުން ތަންފީޒުކުރުމުގެ މަސައްކަތްތައް ކަމަށެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި އޭގެ އިތުރުންވެސް މުހިންމު އެތައް ވައުދެއް ވެވަޑައިގެންފައިވާނެ ކަމަށެވެ.

އެގޮތުން ސިއްހީ، ތައުލީމީ، ކުޅިވަރު، އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއެކު ޖުމްލަކޮށް މުޅި ރަށުގެ ތަރައްގީއާ ގުޅިފައިވާ ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

ބަޖެޓު ފާސްކޮށްދެނީ މަޖިލީހުން. ތަރައްގީގެ ހަމަ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ކުރެވޭނީ މަޖިލީހުން ކޮންމެވެސް ކަހަލަ ރުހުމެއް ލިބިގެން. އެއީ ބަޖެޓު ފާސްކުރުމުގެ ރުހުން ކަމުގައި ވިޔަސް އަދި އެކި ކަހަލަ ލޯނުތައް ނެގުންކަމުގައި ވިޔަސް. އެކި ކަހަލަ ބޮޑެތި އެއްބަސްވުންތައް ހެދުންކަމުގައި ވިޔަސް. އެހެން ގޮސް މަޖިލީހުގެ ދައުރެއް ނެތިއެއް ގާނޫނު އަސާސީގައި އޮތް ގޮތުން އަޅުގަނޑުމެންނަށް ރައްޔިތުންނަކަށް ކުރިއެރުމެއް ނުގެނެސްދެވޭނެ.

ރައީސް ވިދާޅުވީ ވިލިނގިލި ދާއިރާއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓު މަޖިލީހަށް ހޮވަންޖެހޭކަމަށާއި މި ސަރުކާރުން ބޭނުންވަނީ ނަތީޖާ ނެރެދޭން ކަމަށެވެ.  އެމަނިކުފާނުގެ އަމާޒު ހުރީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށާއި އެންމެ ދުވަހެއްވެސް ބޭކާރު ވެގެންދާން ބޭނުންފުޅު ނުވާކަމަށް ވެސ ވިދާޅުވިއެވެ.

ފަސް އަހަރު ބޭކާރުވެގެންދާނެ ގޮތަށް މަޖިލީހަށް މެމްބަރުން ހޮވުމަކީ ކުރަންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ ވިލިނގި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދާނެފަދަ އެއްވެސް ކަމެއް ވިލިނގިލި ދާއިރާގެ މެމްބަރުން ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ރަށަށް މިއޮތީ ތަރައްގީ އައިސް ކުރިމަތީގައި. އޭގައި ކޮޅުފައިން ޖަހާ ދޫކޮށްލާ ފަސް އަހަރު ބޭކާރުކޮށްލުން ނުވާނެ ހެޔޮ ކަމަކަށް. އެންމެން އެކަތިގަނޑަކަށް ވާންވީ މިހާރު.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެހެން ދާއިރާތަކަށްވެސް ތަކުރާރުކުރައްވަން އޮތީ އެއް ވާހަކައެއް ކަމަށާއި، އިދިކޮޅަށް މަޖިލީހުގެ ގޮނޑިތަކެއް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.