ރޯދަ އަކީ މުސްލިމުންނަށް ފަރުޟު އަޅުކަމަކަށްވާއިރު، ބާލިޣުވެ، ބުއްދި ސަލާމަތުން ހުރެ، ބައްޔެއް ފަދަ ކަމެއް ތަހައްމަލު ކުރަމުންނުދާ، ނުވަތަ އެ ނޫންވެސް ސަބަބެއް އޮވެގެން، ރޯދަ ހިފަން އުޒުރުވެރި ނުވާ ކޮންމެ އަޅަކު ވެސް ރޯދަ ހިފަން ޖެހެއެވެ.

Ads by Asuru

މިއީ ދަރިންނަށް ވެސް ދަސްކޮށްދޭން ޖެހޭ ކަމަކަށްވާއިރު، ކުޑައިރުންސުރެ ރޯދައަށް ހުންނަން ފަރިތަ ކުރުވުމަކީ ރަނގަޅު ކަމެކެވެ.

މިގޮތުން ކުޑަ ކުދިން ރޯދައަށް ބަހައްޓަން ޖެހޭ ވަކި އުމުރެއް އޮވޭތޯ، މީހަކު ޝެއިޚް އާސިމް އަލް ޙަކީމްއާ ސުވާލު ކުރުމުން، ޖަވާބުގައި ޝެއިޚް ވިދާޅުވީ، ޅަ ކުދިން ރޯދައަށް ބަހައްޓަން ފަރިތަ ކުރުވަން ވަކި އުމުރެއް ނޯންނަ ކަމަށާއި، އެކި ކުދިންގެ ޖިސްމާނީ ކުޅެދުންތެރިކަން ހުންނާނީ އެކި ވަރަށް ކަމަށެވެ. ބައެއް ކުދިން ހަތް އަހަރުގައި ވެސް މުޅި ދުވަހު އެއްކޮށް ރޯދައަށް ހުންނަ ކަމަށާއި، އެވަރު ނުކުރެވޭ ކުދިން އެއް ދުވަހުގެ އެއްބައިގައި ރޯދައަށް ހުރެގެން ވެސް، އެ އަޅުކަމަށް ފަރިތަ ކުރާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ވިދާޅުވީ، މުހިންމީ ތިމާގެ ދަރިން ބާލިޣު ވާންވާއިރަށް ރޯދަ ހިފަން ފަރިތަ ކުރުވުން ކަމަށެވެ. އަދި ވަރަށް ޅަ އުމުރުގައި ގަދަކަމުން ރޯދައަށް ބަހައްޓަން އުޅެފިނަމަ، ރޯދަ އަކީ މާބޮޑު ބުރައެއް ކަމުގައި ދަރިފުޅަށް ގަބޫލު ކުރެވިދާނެ ކަމަށާއި، މިހެންވެ، ވަރަށް ތުއްތު ކުދިން ރޯދައަށް ބަހައްޓާއިރު މިކަންކަމަށް ސަމާލުކަން ދޭން ވާނެ ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

ނަމަވެސް ރޯދައަށް ހުރެވޭނަމަ، ވަރަށް ޅަ އުމުރުގައި ވެސް ދަރިފުޅު އެކަމަށް ފަރިތަ ކުރުވުމަކީ ރަނގަޅު ކަމެއް ކަމަށް ވެސް ޝެއިޚް އާސިމް ވިދާޅުވިއެވެ.