ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން، ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ލީކުވެފައިވާ ބަޔާންތަކުގެ ސައްހަކަން ޖެހޭނީ ބަލަން ކަމަށް، އެ މައްސަލައާ ގުޅިގެން ވިކްޓިމްސްއާ ބައްދަލުކުރައްވާ ކީރިތި ކުރެއްވި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ ވަހީދުގެ ރޭޕް ކޭސްއާ ގުޅޭގޮތުން އަނިޔާގެ ޝިކާރައަކަށްވީ ކުދިންގެ ހިތްދަތި ތަޖުރިބާތައް ސޯލިހު މިހާރު ހަނދުމަފުޅެއް ނެތެވެ. އަލީ ވަހީދަށް މޯލްޑިވިއަކް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޫނު މަރުހަބާއެއް ކިޔައި، ކުޅުދުއްފުށި ދެކުނު ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

އެ ޕާޓީގެ މަޖިލިސް ކެމްޕެއިން އިވެންޓެއްގައި ރައީސް ސޯލިހު އުޅުއްވަނިކޮށް ދިޔަރެސްގެ ނޫސްވެރިއަކު ވަނީ އަލީ ވަހީދުގެ ރޭޕް ކޭސްއާ ގުޅޭ ގޮތުން ސޯލިހަށް ސުވާލުތަކެއް ކޮށްފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން އޭރު ކީރިތި ކުރެއްވުމަށްފަހު، މިހާރު އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު އެމްޑީޕީއިން ދީފައިވާކަން ނޫސްވެރިޔާ ފާހަގަކުރުމުކް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ސޯލިހު ވިދާޅުވީ ”އޭރު ފިޔަވަޅު އެޅިން“ ކަމަށެވެ.

އަދި މިހާރު އެ މައްސަލައާ ގުޅޭ ގޮތުން ދެކިލައްވަނީ ކިހިނެތްތޯ ސުވާލުކުރުމުން ސޯލިހު ވިދާޅުވީ ޖެހޭނީ އެ މައްސަލަ ބަލަން ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ އެއްކޮށް ބަލައި ނިމި، ތަހުގީގު ފުރިހަމަކޮށްފައިވާ މައްސަލައެކެވެ.

ރޭޕްގެ ޝިކާރައަކަށްވި ކުދިންނާ އެއް އުމުރެއްގެ ދަރިކަނބަލެއް ރައީސް ސޯލިހުގެ ހުންނަވާކަން ފާހަގަކުރައްވާ ނޫސްވެރިޔާ ސުވާލުކޮށްފައިވަނީ އޭރު ކުރެވުނު އިހުސާސް މިހާރު ނުކުރެވޭތޯއެވެ. އެ ސުވާލަށް ދެއްވި ޖަވާބުގައި ސޯލިހު ވިދާޅުވީ ބަލަމުން ގެންދާ ކަމަށާއި ސޯޝަލް މީޑިއާގައި އެއްޗެއް ލީކުވުމުން ދެން ޖެހޭނީ އޭގެ އަސްލު ބަލަން ކަމަށެވެ. ނަމަވެސް އެ ބަޔާންތަކުގައިވާ ވާހަކަތައް ވިކްޓިމްސް ވަނީ ސީދާ ރައީސް ސޯލިހާއި ބައްދަލުކޮށް ތަފްސީލުތައް ހިއްސާކޮށްފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅިކަމަށް ބުނެ ސޯލިހް ވަނީ ދޮގު ހަދާފައެވެ. ވިކްޓިމްސްއާ ބައްދަލުކުރެއްވިތާ ދުވަސްކޮޅެއް ފަހުން އެ މައްސަލަ އޮއްބާލުމަށްޓަކައި ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް އެމްޑީޕީ ސަރުކާރުން ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލާފައެވެ. ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުނު ނަމަވެސް އޭނާ ކޯޓަށް ހާޒިރުނުކުރެވުމުން އެންމެ ފަހުން ޖެހުނީ ކޯޓު އަމުރުވެސް ބާތިލުކުރާށެވެ. އަދި ބައެއް ވިކްޓިމްސް ލައްވާ އެމީހުންގެ ބަޔާންތައް އަނބުރާ ނެގުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ގެންދިޔައީއެވެ.

އަލީ ވަހީދު ޔޫކޭގައި ހުންނެވިއިރު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރުގެ އިސްވެރިންގެ އަގު ވެއްޓޭނެފަދަ މައުލޫމާތުތަކެއް އޭނާ އަތުގައި އެބަހުރި ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ. އޭގެ ފަހުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެއް ކަމަށާއި އަލީ ވަހީދަށް އެހީތެރިވެދެއްވާނެ ކަމަށެވެ.

އަލީ ވަހީދު އަނބުރާ ރާއްޖެ އައިސް އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަމުން އަންނަ ދަނޑިވަޅެއްގައި ރޭޕްގެ ޝިކާރައަކަށްވީ ކުދިންގެ ބަޔާންތައް ލީކު ވުމުން އަލީ ވަހީދު އަތުން ޓިކެޓު އަތުލުމަށްވެސް އާންމުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން އެތައް ދުވަހެއް ވަންދެން ހަނު ހުންނެވުމަށްފަހު ސޯލިހު އެންމެ ފަހުން މިވަނީ ލީކުވި ބަޔާންތަކުގެ ސައްހަކަމާމެދުވެސް ޝައްކު އުފައްދަވާފައެވެ.