މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި އެކި ސްކޫލްތަކުން ބުލީކުރުމުގެ 26 ކޭސް ނޯޓުކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބުލީގެ ވީޑިއޯއަށް އިޝާރަތް ކުރައްވާ މިނިސްޓަރު ވިދާޅުވީ އެފަދަ މަންޒަރެއް މުޖުތަމައުގެ ތެރޭގައި ފެތުރުމާއެކު އެންމެންގެ ކަންބޮޑުވުމަކަށް ވާނީ ތައުލީމީ ނިޒާމުގެ ތެރެއިން އެފަދަ މައްސަލަތަކަށް އެޑްރެސް ކުރަމުން ދަނީ ކިހިނެތްތޯއާއި އެމައްސަލަތައް ހައްލުކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޮންނަ ތައުލީމީ ނިޒާމަކީ 90,000 ދަރިވަރުންނާއި 15,000 ވަރަކަށް މުވައްޒަފުންގެ މައްޗަށް އެކުލެވޭ ތައުލީމީ ނިޒާމެއް ކަމަށެވެ. އެ ނިޒާމުގެ ތެރެއިން އަހަރެއްގެ މައްޗަށް 27 މިލިއަނެއްހާ ޕާސަން އިންޓަރެކްޝަން ހިނގާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ބުލީ ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި މި އަހަރުގެ މިހާތަނަށް އެކަނިވެސް ބުލީކުރުމުގެ 26 ކޭސް މިނިސްޓްރީން ނޯޓުކޮށްފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު މިއޮތް ލެވެލްގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ މި މައްސަލައަކީ ހައްލު ކުރެވިދާނެ މައްސަލައެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކި ލެވެލްގައި ޓީޗަރުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައާއި ބެލެނިވެރިންނަށް ހިންގޭ އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް އަދި ދަރިވަރުންނަށް ހިންގޭ އެކިއެކި ސިރިކް ޕްރޮގްރާމްތަކުގައިވެސް ކުދިންގެ އެންގަރ މެނޭޖްކުރުމާއި ބުލީކުރުން ފަދަ ވިޔާނުދާ އަދި ކޮށްގެން ނުވާނެ ކަންތައްތަކަށް ކުދިން އަހުލުވެރިކުރުވާ، އެފަދަ ކަންތައްތަކުން ކުދިން ދުރުކުރުވުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ހިނގަމުން ދޭ.

މިނިސްޓަރު ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގައި ކައުންސިލަރުން ނެތުން ކަމަށެވެ. 225 ސަރުކާރު ސްކޫލް ހުރިއިރު، ކައުންސިލަރުން ތިބީ އެންމެ 51 ސްކޫލްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން މިފަދަ މައްސަލަތައް ފެންމަތިވާއިރު ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައެއް ފަހަރު ގޮންޖެހުންތައް ދިމާވާ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު ޓީޗަރުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމްގެ ތެރެއިން ސެން ޓީޗަރުންނާއި ކައުންސިލަރުން އަދި ރާއްޖެއަށް ބޭނުންޖެހިފައިވާ ގިނަ އަދަދެއްގެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވިލަރެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ކައުންސިލަރުން ތަމްރީނުކުރުމަށް ހާއްސަ އިސްކަމެއް ދެވިގެންދާނެ ކަމަށާއި އުއްމީދު ކުރައްވަނީ އެކަށީގެންވާ ވަރަށް ސްކޫލްތަކަށް ކައުންސިލަރުން ފޯރުކޮށްދެވުމުން މިފަދަ މައްސަލަތައް ހައްލުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.