އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްޔިތުންގެ މަޖިލިސް ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށާއި ސަރުކާރަށް ޖެއްސުންކުރުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރުގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމާއި ވ.ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޒާހިރުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުއިއްޒު ކާމިޔާބުކުރެއްވީ އެއް ލައްކަ ނަވާވިސްހާސް ރައްޔިތުންގެ ފުރިހަމަ ތާއިދާއެކު ކަމަށާއި، ދިވެހި ރައްޔިތުން ބޭނުންވީ އޭރު އޮތް އަނިޔާވެރި ސަރުކާރު ބަދަލުކުރަން ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒަކީ ވަރަށް އޯގާތެރި އަދި އިހުލާސްތެރިކަމާއެކު ވެރިކަން ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ދިވެހި ތާރީހު ބަދަލުކޮށްލާނެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ހިންގެވުމުގެ މަސައްކަތް ކުރައްވަމުން އަންނައިރު، އިދިކޮޅު އެމްޑީޕީއަށް މަޖިލިސް ލިބިއްޖެނަމަ ރައީސަށާއި މި ސަރުކާރަށް އެބޭފުޅުން ކުރާނީ ޖެއްސުންކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީ ދެކެ ދިވެހި ރައްޔިތުން ފޫހިވެއްޖެކަމަށާއި އެބޭފުޅުންނަށް ސުޕަރ މެޖޯރިޓި ދީގެން ގައުމަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އަދި މަޖިލީހަށް ބޭނުންނުވާ އެތައް ބަޔަކު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރޭޕްގެ މައްސަލަ ތުހުމަތުވާ އަލީ ވަހީދު ކުޅުދުއްފުށި ދާއިރާއަށް ވާދަކުރެއްވުމަކީވެސް އަންހެން ބޭފުޅުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ފައިސަލް ވިދާޅުވީ މަޖިލީހުގެ 65 ވަރަކަށް ގޮނޑި ލިބިގެން ނޫނީ ވެރިކަން ދެމެހެއްޓުން ވާނީ އުނދަގުލަކަށް ކަމަށާއި އެހެން ނުވާނަމަ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަމަށް އިދިކޮޅުން ހުރަސްތައް ކުރިމަތިކުރުވަމުން ގެންދާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަކާއި ދިވެހިންގެ ހާލަތު ބަދަލުކުރުމަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށާއި މި ސަރުކާރަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދައިދޭން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދިވެހި ގައުމަށް ބޭނުންވަނީ ތަރައްގީއާއި ހަމަޖެހުން އަދި ރައްކާތެރިކަން ކަމަށެވެ. އަދި އެހެން ސަރުކާރުތަކާއި ހިލާފަށް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު މި ސަރުކާރުގައި ޖަލުގައި ނެތްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި އެ ބޭފުޅުން ހަރަކާތްތެރިވަމުން އަންނަ މަންޒަރުން ދޭހަވަނީ މިއަދުގެ ރައީސަކީ ބަދަލު ހިފުމުގެ އެއްވެސް ރޫހެއް ގެންގުޅުއްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި ދިވެހިރައްޔިތުން ދިވެހީންގެ ރާއްޖެއެއް ބޭނުންވަނީ އެ ސަބަބަށްޓަކާ ކަމަށާއި އެ ރާއްޖެ ދިވެހިންނަށް ހޯދައިދެވޭނީ މިއަދުގެ ރައީސް ޑރ މުއިއްޒަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.