މި ސަރުކާރު އައި އިރު ދިވެހި ރައްޔިތުން ތިބީ ވަރަށް ގިނަ ކަންތައްތަކަށް ބޭނުންޖެހިފައިކަމަށާއި އެހެން ވާން ޖެހުނީ ނިމިދިޔަ ސަރުކާރުން ގައުމަށް ހިޔާނާތްތެރިވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ސަރުކާރުގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރުގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް އާއި ސަރުކާރުގެ ފަރާތުން ވ.ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޒާހިރުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލީ ދިވެހީންގެ ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުމާއި، ހަމަޖެހުން ގެނައުމާއި ތަރައްގީ ހޯދައިދިނުމަށްކަމަށާއި އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހީންގެރާއްޖެ ބިނާކުރުމަށްބަލާއިރު އެންމެ މުހިންމީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި އެކަން ކުރެވިގެން ނޫނީ ތަރައްގީއާއި ކުރިއެރުން ގައުމަށް ނުގެނެވޭނެ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ދިވެހީންގެރާއްޖެއެއް ބިނާކުރުމަށް އައި އިރު ރައްޔިތުން ތިބީ ވަރަށް ގިނަ ކަންތައްތަކަކަށް ބޭނުންޖެހިފައި ކަމަށާއި އެހެން ވާން ޖެހުނީ ނިމިދިޔަ ސަރުކާރުން ގައުމަށް ހިޔާނާތްތެރިވެ، ރައްޔިތުންނަށް އަނިޔާވެރިވުމުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގައުމުގެ މާލިއްޔަތު ދޮވެ ހުސްކޮށްލާފައި ކަމަށާއި، ގާނޫނީ އިމުގެ ބޭރުންވެސް އެތައް ކަންތައްތަކެއް ކޮށްފައި ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހަމަ މަގަށް އެޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ބޭނުންވާކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނާއި ގައުމު އިސްކޮށްގެން ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ވަކާލާތުކުރަން ކެރޭ މެމްބަރުންތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މެމްބަރެއް ވާދަވެރި ޕާޓީތަކުން ނުފެންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެން މި ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތަކުން ކުރިމަތިލައްވައިގެން އުޅުއްވާ ގިނަ ބޭފުޅުންތަކަކީ މިހާރު މި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެބޭފުޅުންގެ އިހުލާސްތެރިކަމެއް ހުރިނަމަ މިއަދު ގައުމު މި ހާލަތަށް ނުދިއައިސް. އެމީހުންގެ ތެދުވެރިކަމެއް ހުރިނަމަ އަޅުގަނޑުމެންނަށް ވޭތުވެދިޔަ ސަރުކާރުގައި ތަހައްމަލު ކުރަން ޖެހުނު ހިތްދަތިކަމާއި ހިތާމަ ތަހައްމަލު ކުރަން ނުޖެހުނީސް. އެބޭފުޅުންނަކީ ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނަމަ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދާފަދަ ކަންތައްތައް ކުރިމަތިކުރިއިރު އަނގައިން ނުބުނެ ހަނު ނުތިބީސް.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ތާއީދުކުރައްވާ ކޮންމެ ކެންޑިޑޭޓަކީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ރައްޔިތުން އިސްކޮށްގެން މަސައްކަތް ކުރައްވާނެ ކެންޑިޑޭޓުން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިޝާރާތްކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ހޮވަން ހެޔޮނުވާނެ ވަރުގެ ވިއްސަކަށް ކެންޑިޑޭޓުން އެބަ ވާދަކުރައްވާ ކަމަށާއި މިކަންކަމާމެދު ވަރަށް ބޮޑަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އަދި މާޒީން އިބުރަތް ލިބިގަނެގެން މުސްތަގުބަލު ބިނާކުރަން ނޫޅޭނަމަ ރަނގަޅު މުސްތަގުބަލެއް މި ގައުމަށް ނުލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.