20 ވަނަ ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ ޖިންސީ ފުރައްސާރައާއި ބުލީ ކުރުމާއި ގެވެށި އަނިޔާފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ މެމްބަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރުގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް އާއި ސަރުކާރުގެ ފަރާތުން ވ.ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޒާހިރުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގައި ރައްކާތެރިކަން ގާއިމު ކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރާނެ މެމްބަރުންތަކެއް މަޖިލީހަށް ބޭނުންވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވާ 93 ކެންޑިޑޭޓުންވެސް އެކަމަށް އެއްބާރުލުން ދެއްވާނެކަމަށާއި އެ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ގައުމަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

ރައީސް ވިދާޅުވީ އިޖްތިމާއީ ގޮތުން ނޭދެވޭ އެތައް ކަންތައްތަކެއް ގައުމުގައި ހިނގަމުން އަންނަކަމަށާއި ޖިންސީ ފުރައްސާރަ ކުރުމާއި ކުޑަކުދިންނަށް ނޭދެވޭ އެކި ކަހަލަ ބުލީ ކުރުމާއި ގެވެށި އަނިޔާފަދަ ކަންތައްތައް އިސްލާމީ މި މުޖުތަމައުގެ ތެރޭގައި ހިނގަމުން އަންނަ ކަމަށެވެ.

އަދި މި ސަރުކާރުގެ މެނިފެސްޓޯގައި އޮތީ މިކަންތައްތައް ރަނގަޅުކުރުމުގެ ސިޔާސަތުކަމަށާއި މުޅި މުޖުތަމައު އެކުއެކީގައި އެއް ރޫހެއްގައި މިކަން ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ގާނޫނުތައް އިސްލާހު ކުރުމާއި، އާ ގާނޫނުތައް ހަދަން ޖެހޭއިރު، އެކަމަށް އެއްބާރުލުން ދޭނެ މެމްބަރުން މަޖިލީހަށް ހޮވަން ޖެހޭ ކަމަށެވެ.

އަދި އެފަދަ ކަންކަމަށް އެއްބާރުލުން ނުދޭނެ މެމްބަރުން މަޖިލީހަށް ހޮވައިގެން ރައްޔިތުންގެ އުއްމީދުތައް ހާސިލުނުވާގޮތް ވާން ފުރުސަތު ނުދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.