ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑަށް އެހީތެރިވެދެއްވި ބޭފުޅަކީ އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރުގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުއްލާ އާއި ސަރުކާރުގެ ފަރާތުން ވ.ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޒާހިރުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް އަދި އެބޭފުޅަކަށްޓަކާ އެމަނިކުފާނު އެންމެ ފަހުރުވެރިވާ ބޭފުޅަކީ އަބްދުއްރަހީމް ކަމަށެވެ.

އަބްދުއްރަހީމް ވާދަކުރައްވާ ފޮނަދޫ ދާއިރާގެ ތަރައްގީއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރެވޭނީ ސަރަހައްދީ ތަރައްގީ ހާސިލްކުރެވިގެންކަމަށާއި އެކަން ކުރުމަށްޓަކައި މި ސަރުކާރުން އެކުލަވާލާފައިވާ ޕްލޭން ވާނީ އާންމުކޮށްފައި ކަމަށެވެ.

އަދި އޭގެ ތެރޭގައި ހައްދުންމަތި ހިމެނެނީ ވަރަށް މުހިންމު އަތޮޅެއްގެ ގޮތުގައި ކަމަށާއި ހައްދުންމައްޗަކީ ތަރައްގީގެ މިސްރާބުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާނެ އަތޮޅެއްކަން ރިޔާސީ ކެމްޕެއިންގެ ތެރޭގައިވެސް އިއުލާނުކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 7 އާބަން ސެންޓަރު ގާއިމްވެގެން ދާއިރު އޭގެ ތެރެއިން އެއް އާބަން ސެންޓަރަކީ ހައްދުންމަތީ ފޮނަދޫކަން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ކާމިޔާބުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށާއި މަޖިލީހުގެ ތެރެއިން މުހިންމު ދައުރެއް ބޭނުންވާއިރު، އެ ގޮނޑީގައި އިންނަވާ މެމްބަރަކީ މި މަސައްކަތަށް އެއްބާރުލުން ދެއްވާނެ މެމްބަރަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ހުރިހާ ސިފައެއްގެ އިތުރުންވެސް ރައްޔިތުންނަށް އޯގާތެރިކަމާއި އިހުލާސްތެރިކަމާއެކު ހިދުމަތް ކޮށްދެއްވާނެ މެމްބަރަކީ ސަރުކާރުގެ ކެންޑިޑޭޓް އަބްދުއްރަހީމް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދާއިރާގެ ދެ ރަށުގެ ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގަންނަވަނީ އާބަން ސެންޓަރުގެ މަޝްރޫއަށް އެކަނި ވިސްނާފައި ވިޔަސް ސަރުކާރުގެ ކެންޑިޑޭޓު އިންތިހާބު ކުރުމަށް ކަމަށެވެ. ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެންވެސް ސަރުކާރު ހިންގުމަށް އަބްދުއްރަހީމް ދެއްވަވާ އެހީތެރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދާއިރާގައި މި ސަރުކާރުން ކުރުމަށް ރާވާފައި ހުރި އިތުރު މަޝްރޫއުތައްވެސް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނީ އަބްދުއްރަހީމް މަޖިލީހަށް ހޮއްވަވައިގެން ކަމަށެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް މިހާރު ރައީސް ޑރ މުއިއްޒާއެކު ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކުރައްވާފައެވެ. އަދި މި ސަރުކާރު ގެނައުމަށްޓަކައި އުފެއްދި ޕީއެންސީއަކީވެސް އަބްދުއްރަހީމް ވަރަށް އިސް ދައުރެއް އަދާކުރެއްވި މަސައްކަތެކެވެ.