ދިވެހި ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ނަސީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުތަކުގައި ސިޔާސީ ވެރިންނާއި ސިޔާސީ ވީތީ ބޭފުޅުން ހައްޔަރުކޮށްފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް މި ސަރުކާރުގެ ތެރެއިން ފެނިގެން ނުދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ މީހަކަށްވީތީ މި ސަރުކާރުން އެއްވެސް މީހެއް ހައްޔަރު ނުކުރާނެ ކަމަށެވެ. ނަމަވެސް ގާނޫނީ ވެރިކަމެއް ކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި، ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރިއިރު، ކުށެއް ކޮށްފިނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންނާއެކު ދާދި ފަހުން ބޭއްވި ބައްދަލުކުރެއްވުމުގައިވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށް ވިދާޅުވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ފުލުހުންގެ މައްޗަށް ހިނގަމުން ދިޔަ ސިޔާސީ ނުފޫޒު މި ސަރުކާރުން ނުހިންގާނެ ކަމަށާއި އެފަދަ ކަމެއް ކުރުމުގެ ފުރުސަތުވެސް މި ސަރުކާރުން ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑާ ހަމައަކުން، މިނިސްޓަރަކާ ހަމައަކުން އަދި އެއަށްވުރެ ދަށް ލެވަލްއަކުންވެސް ސިޔާސީ ފައިދާ ހޯދުމަށް ފުލުހުންނަށް، ސީޕީ އަށް ނުވަތަ ދެން ހުރި ބޭފުޅަކަށް ގުޅައިގެން ކަންކަން ކުރުމަކީ އަޅުގަނޑު ޓޮލަރޭޓްކުރާނެ ކަމެއް ނޫން.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ފުލުހުންގެ މުވައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށް ކަމަށެވެ. އަދި މީގެ ކުރިން އެސްއޯ ފުލުހުން ގޮސް ރައްޔިތުން ހައްޔަރުކޮށް އަނިޔާކުރާ މުވައްސަސާއެއް ގޮތުގައި ލޭބަލް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށް މިސާލެއް ދެއްވަމުން ރައީސް ވަނީ ކޫއްޑޫގައި މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން ކުރި އިހުތިޖާޖުތަކަށް އިޝާރާތް ކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ އިހުތިޖާޖުގެ ތެރެއިން ވެސް ފުލުހުން ފޮނުއްވައިގެން އިހުތިޖާޖު ރޫޅާލުމަށް މި ސަރުކާރުން ފުލުހުން ލައްވާ މަސައްކަތް ކޮށްފައި ނޯންނާނެކަމަށެވެ. އަދި އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާފައިވާނީ ސުލްހަވެރިކަމާއެކު މަސްވެރިންނާ މަޝްވަރާކޮށްގެން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްލަހަތު ގެއްލުވާލުމަށް ފުލުހުންނަށް ބާރު ފޯރުވަމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ މި ގައުމަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށް ގާނޫނުތައް ހަދާ އިސްލާހުތައް ގެންނަން ޖެހޭ ކަމަށާއި، އެކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ތެރެއިން ބޭނުންވާ އެއްބާރުލުން މި ސަރުކާރަށް ބޭނުންވާ ކަމަށެވެ.