ޕީޕީއެމްގެ ލީޑަރަކަށް ކުރީގެ ރައީސް ޔާމީނު ހުންނެވިއިރު، އެ ޕާޓީ އަދި ޕީއެންސީގެ ލީޑަރޝިޕުން ކޮންމެ ކަމެއްގައިވެސް އަމަލުކޮށްފައި އޮންނާނީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީއެންސީގެ ލީޑަރޝިޕުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ފަޒުލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ކޯލިޝަނުގެ ލީޑަރޝިޕުން ކޮންމެ ކަމެއްގައި ވެސް އަމަލުކޮށްފައި އޮންނާނީ ރައީސް ޔާމީން ދެއްވި އިރުޝާދުތަކުގެ ދަށުން އެމަނިކުފާނުގެ ދިފާއުގައި ކަމަށެވެ.

ފަޒުލް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވިއިރުވެސް އެމަނިކުފާނު ފޮނުއްވާ ލިޔުންތަކުގައި އެމަނިކުފާނުގެ ސޮއެކުރައްވާފައިވާނަމަ އެ ލިޔުމެއްގައި އޮތް ގޮތަކަށް ލީޑަރޝިޕުން ކަންތައް ކޮށްފައިވާނެ ކަމަށެވެ. އަދި އެނޫން އެއްވެސް ލިޔުމެއް ނުވަތަ ނޯޓެއް ބަލައިގަނެފައި ނޯންނާނެކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ޑރ ޖަމީލް އައިސް ރައީސް ޔާމީން ވަކި އެއްޗެއް ވިދާޅުވިއޭ ބުންޏަސް ލިޔުމާއި އެމަނިކުފާނުގެ ސޮއެއް ނެތިއްޔާ އެ އެއްޗެއް ބަލައިގެންފައި ނުވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ ލީޑަރޝިޕުން ރައީސް ޔާމީނަށްޓަކާ މަސައްކަތް ކޮށްދެއްވީ އެހާވެސް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޑިސެމްބަރު 2022ގައެވެ. އެމަނިކުފާނަށް އެ ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި ފައިސާ ލޯންޑަރ ކުރުމުގެ ދެ ދައުވާވެސް ސާބިތުވުމުންނެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނީ ޖަލު ހުކުމާ ގުޅިގެންނެވެ. ފަޒުލް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނެރުމަށް ތިން ބޭފުޅެއްގެ ތެރެއިން އެއް ބޭފުޅަކު އިހުތިޔާރުކުރުމަށް އޭރު މަޝްވަރާތައް ކުރެއްވި ކަމަށެވެ.

ފަޒުލް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރުމުން އޭރުގައި ޕީޕީއެމް ޓިކެޓު ހޯދުމަށް އެހެން ބޭފުޅުން ކުރެއްވި މަސައްކަތްތައްވެސް ކޮންގްރެސް ކޯލިޝަނުގެ ލީޑަރޝިޕަށް ފެނިފައިވާކަމަށެވެ.

އޭރުގައި އޮތީ އޭ އާއި ސީ ކަނޑައެޅިފައި. އޮޕްޝަން އޭ އަކީ ރައީސް ޔާމީން. ބީގަ އެއީ ޕީޕީއެމް ކެންޑިޑޭޓެއް. ޕީޕިއެމް ކެންޑިޑޭޓަކަށް ފުރުސަތު ހޯދުމަށްޓަކައި ޑރ ޖަމީލުމެން ކުރި މަސައްކަތް މިތަނުގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

ފަޒުލް ވިދާޅުވީ އެންމެ ފަހު ވަގުތުގައި ސީ ކެންޑިޑޭޓްގެ ކެންޑިޑެސީ ހުށަހަޅަން ދިޔައީވެސް ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.

ފަޒުލް ވިދާޅުވީ ރައީސް ޔާމީނަކީ ކޮންގްރެސް ކޯލިޝަނުގެ ލީޑަރޝިޕުން ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ހުކުމް ކުރެވިގެން އައި ފަހުންވެސް މުޒާހަރާތައް ވަރުގަދަކޮށް އިސްކޮށް އުޅުއްވާފައިވާނީ މިހާރު ކޮންގްރެސް ކޯލިޝަނުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް އިސްވާންވީ މިހާރުގެ ޕީއެންސީ ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުންތޯ ނުވަތަ ޕީއެންއެފްގައި ތިއްބެވި ބޭފުޅުންތޯކަމާމެދު ފަޒުލް ވަނީ އެމަނިކުފާނަށް ސުވާލު އުފައްދަވާފައެވެ.

ފަޒުލް ވިދާޅުވީ އޭރުވެސް މަސައްކަތް ކުރީ ރައީސް ޔާމީނުގެ ދިފާއުގައި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރެވޭތޯ ކަމަށެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ އެއްވެސް މީހަކު ރައީސް ޔާމީނުގެ އަރިހުގައި ޕީއެންއެފްގެ ލީޑަރޝިޕުން ނުފެންނަކަން ފަޒުލް ފާހަގަކުރެއްވިއެވެ.