ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ޔަގީންކުރުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ދެއްވާ ވޯޓު ބޭކާރުވިޔަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މަރަދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އަމީތުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތައް ރާވާފައި އެބަހުރިކަމަށާއި އެ މަޝްރޫއުތަކުގައި ހަގީގީ ކުލަ އަވަހަށް ޖެހިގެންދާނީ ދާއިރާ ތަމްސީލުކުރަން މަޖިލީހުގައި އިންނަ މެމްބަރަކީ ސަރުކާރުގެ މެމްބަރަކަށް ވާނަމަ ކަމަށެވެ.

ރައީސް ވިދާޅުވީ މުޅި އައްޑޫ ސިޓީގެ ހުރިހާ ގޮނޑިތަކަކީ ތަރައްގީގެ ފިކުރުގައި ތިއްބަވާ ބޭފުޅުން ތަމްސީލުކުރައްވާ ގޮނޑިތަކަކަށް ހެއްދެވުމަށް ތަރައްގީއަށްޓަކާ ރައްޔިތުން ދެއްވާ ވޯޓު ބޭކާރު ވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށާއި ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ޔަގީންކުރުމަށް ދެއްވާ ވޯޓު ބޭކާރުވިޔަ ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫއަށް ގެނައުމަށް ރާވާފައިވާ ތަރައްގީއަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށާއި، އެ އެއްބާރުލުން ރައްޔިތުންނަށް ދެވޭނީ މި މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުން ކަމަށެވެ. އަދި އެމަނިކުފާނަށް އިތުބާރު ކުރައްވާ، އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް ހޮއްވަވައިދެއްވުމަށް ރައީސް ވަނީ އައްޑޫ ސިޓީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ އަބަދާއި އަބަދު ވަކި ބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލިސް ތެރޭގައި ބަސްކިޔުމުގެ ފުރުސަތުދީފައި އޮތުމުން އައްޑޫއަށް ހާސިލުވެފައި އޮތް ދެމެހެއްޓެނިވި އެއްވެސް ތަރައްގީއެއް ނެތް ކަމަށެވެ. އަދި މިކަމަށް އައްޑޫ ސިޓީގެ ރައްޔިތުންވެސް ހެކިވެވަޑައިގަންނަވާނެ ކަމަށާއި، މާނަހުރި ދެމެހެއްޓެނިވި ތަރައްގީއެއް ގެނެސް ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ތަރައްގީގެ ވިސްނުމުގައި ތިބި މެމްބަރުންތަކެއް މަޖިލީހަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

ތަޖުރިބާ ކޮށްލުމުގެ ގޮތުންވެސް، އަޖުމަ ބަލާލުމުގެ ގޮތުން ވިޔަސް މިފަހަރު އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވާ ދިނުމަށް. އަޅުގަނޑު ދޭ ޔަގީންކަމަކީ ނަތީޖާ ނެރެދޭނެކަން. ނަތީޖާ ނެރެދީ އައްޑޫ ސިޓީގެ ރައްޔިތުން ތާއަބަދު ތިޔަ އުއްމީދު ކުރަމުން އައި ތަރައްގީ ހޯދަދޭނަން މިފަހަރު އިރާދަކުރެއްވިއްޔާ.

ރައީސް ވިދާޅުވީ އައްޑޫއަށް ތަރައްގީ ގެނައުމަށްޓަކައި މަޖިލީހުގެ ތެރެއިން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވަން ޖެހޭކަމަށެވެ. އަދި ރައްޔިތުން އައްޑޫ ސިޓީގެ މަސްލަހަތު އިސްކޮށް، އުއްމީދުތަކުގައި ކުލަ ޖެއްސުމަށްޓަކައި އެކަން ކުރައްވާނެކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގެ ކުރިން އައްޑޫ ސިޓީގެ ހިތަދޫއަށް ދަތުރުފުޅެއް ކުރެއްވުމަށް ރާވާފައިވާކަމަށްވެސް މިރޭގެ ޖަލްސާގައި ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.