ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ އެ ވޯޓަކަށްޓަކައި ރައްޔިތުން ކޮންމެ ދުވަހަކުވެސް އުފާކުރާނެ ވޯޓަކަށް ވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ads by Asuru

ހޯރަފުށި ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މޫސާގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނާނީ ގައުމަށް ހަމަޖެހުން ގެނައުމުގެ ފިކުރުކަމަށާއި، އެ ފިކުރުގައި ތިބި ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ އެ ވޯޓަކަށްޓަކައި ރައްޔިތުން ކޮންމެ ދުވަހަކުވެސް އުފާ ކުރާނެ ވޯޓެއް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންނަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދީ، އަމަން އަމާންކަން ގާއިމްކޮށްދީ، ހުރިހާ މާނައެއްގައި ގައުމަށް ސަލާމަތްތެރިކަން ގެނައުމުގެ ފިކުރުގައި ތިއްބެވި ކެންޑިޑޭޓުން ކަމަށާއި މި ގައުމަށް ބޭނުންވަނީ އެފަދަ މެމްބަރުންތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް އެމަނިކުފާނު ވެވަޑައިގެންނެވި އެތައް ވައުދެއް ފުއްދަވާފައިވާނެ ކަމަށެވެ. އެގޮތުން ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަށް މި ސަރުކާރުން ކުރާ މަސައްކަތް ވަރަށް އޮމާންކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ގައުމުގެ އަމިއްލަވަންތަކަން ހުރިހާ ދާއިރާއަކުން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހީންގެރާއްޖެއެއްގައި އިސްކުރާނީ ދިވެހިންގެ މަސްލަހަތު ކަމަށާއި ގައުމު ކުރިއަށް ގެންދިއުމަށް ބޭނުންވަނީ އެ ފިކުރު ކަމަށެވެ. އެގޮތުން ގައުމުގައި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމްކޮށް ގައުމަށް ތަރައްގީ ގެނައުމަށްޓަކާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެ ވޯޓު ގެއްލިގެނެއް ނުދާނެ. ކޮންމެ ދާއިރާއެއްގެ ތަރައްގީއަށްވެސް ކުރަން ހުރި ކަންކަމުގައި، ކޮންމެ އަތޮޅެއްގެ ތަރައްގީއަށްވެސް ކުރަން ހުރި ކަންކަމުގައި، ކޮންމެ ސިޓީއެއްގެ ތަރައްގީއަށްވެސް ކުރަން ހުރި ކަންކަމުގައި ނަތީޖާ ނެރެދޭނެ އެގޮތަށް ރައްޔިތުން ކަންތައް ކުރެއްވީމަ.

ރައީސް ވިދާޅުވީ އެ ވިސްނުމުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ދޭ ވޯޓުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ނަތީޖާ ފެނިގެންދާނެ ކަމަށެވެ. އަދި މިކަމަށްޓަކައި އެމަނިކުފާނަށް ރައްޔިތުން އިތުބާރު ކުރައްވައިފިނަމަ މަޖިލިސް ތެރެއިން ތަނަވަސްވާ ފުރުސަތުތަކުގެ ބޭނުންކޮށްގެން އިގްތިސާދީ އަދި އިޖްތިމާއީގޮތުން ގައުމަށް ތަރައްގީ ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ފިކުރުގައި ނެތް ބަޔަކު މަޖިލީހަށް އިންތިހާބު ކޮށްފިނަމަ ރައްޔިތުންނަށް ބަނަކޮށްލެވޭނީ އެ ރައްޔިތުންގެ އަމިއްލަ މުސްތަގުބަލުކަމަށެވެ.

އެގޮތަށް ކަންތައް ނުކުރައްވާ، ގައުމީ މަސްލަހަތު އިސްކޮށް ސަރުކާރަށް މަޖިލިސް ހޯދައިދިނުމަށް ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މިހާތަނަށް ރައްޔިތުން ބޭނުންޖެހި ނުކުރެވިފައި ހުރި އެތައް ކަމެއް ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް އުޖާލާ އަދި ވަރަށް އުފާވެރި ދުވަސްތަކަކަށް ވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ މި ފަސް އަހަރުގެ ތެރޭގައި ހާސިލުވެގެންދާނީ ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ ފިކުރުގައި ތިއްބެވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދީގެން ކަމަށެވެ.