ފިތުރު އީދަށް މާލެ ސިޓީ ދިއްލާލުމަކީ އެކުވެރިކަމާއި އެއްބައިވަންތަކަން ފަދަ، އިސްލާމީ ސިފަތައް ދިރުވައި އާލާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މި އަހަރުގެ ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ  މަސައްކަތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މިއީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

”ހަމަ މިއާއިއެކު މިއީ އީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ ޢީދެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ އިތުރުން އަންނާން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް.“ ފަހުމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑަރޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް ކަމަށެވެ.

އީދަށް މާލެ ސިޓީއާއި، އެހެނިހެން ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައް ދިއްލައިލުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.