ރައްޔިތުން އޮތީ ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގޯސްކަމަށް ނިންމާފައިކަން ރިޔާސީ އިންތިހާބުގެ ވޯޓުން ހާމަވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެސްއެސްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ސަރުކާރު ބަދަލުކުރުމަށްޓަކައި ރައީސް ޑރ މުއިއްޒަށް ރައްޔިތުން ވެރިކަން ހަވާލުކުރީ ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގޯސްކަމުންކަމަށެވެ.

ރައީސް ވިދާޅުވީ މި ގައުމުގައި ބޭރުގެ ސިފައިން ބައިތިއްބައިގެންނާއި މި ގައުމުގައި ރައީސްއަކު ހުރެމެ، ގައުމުގެ ކަންކަމުގައި ބޭރު ފަރާތްތަކުގެ ނުފޫޒު ކުރީ ސަރުކާރުގައި ވަރަށް ބޮޑުކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް އެ ހާރިޖީ ސިޔާސަތު ކަމުނިޔަ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު މި ގައުމުގައި އޮންނާނީ ޕްރޯ-މޯލްޑިވްސް ހާރިޖީ ސިޔާސަތު ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން އިސްކުރާނީ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ގައުމަކީ ފަހުރުވެރި މިނިވަން ގައުމެއް. ހަތަރު ހާސް އަހަރުވީ ދިގު ތާރީހެއް އޮތް ފަހުރުވެރި ގައުމެއް. އެހެންވީމާ މިގައުމުގެ ކަންކަން ގެންދަން ވާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި. އެއްވެސް ގައުމަކަށް ވަކި އަތަކަށް ގޮސް ހުސްނުވާނެ އަޅުގަނޑުންގެ ހާރިޖީ ސިޔާސަތެއް.

ރައީސް ވިދާޅުވީ ހުރިހާ ގައުމަކާވެސް ގާތް ގުޅުން އޮންނާނެކަމަށް ފުރަތަމަ ދުވަހު މެނިފެސްޓޯ އިއުލާނުކުރައްވަމުންވެސް އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ. ކޮންމެ ގައުމެއް ނަމަވެސް އެ ގައުމަކީ ދިވެހި ރައްޔިތުންގެ ކަންކަމަށް އިސްކަންދޭ ގައުމެއް ނަމަ ދެ ގައުމު ދޭތެރޭގައި އޮންނާނީ ގާތް ގުޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ދުރެއް ނުވާނެ އިންޑިއާއަކާވެސް. އަޅުގަނޑު ދުރެއް ނުވާނެ އެހެން ގައުމަކާވެސް. އަޅުގަނޑު ގާތް ހުރިހާ ގައުމަކާވެސް. އެކަމަކު ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކުރެވެން ވާނެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިހާބެއް ނިމި ވެރިކަމެއް ރައްޔިތުން ގާއިމްކޮށްފައިވާއިރު، އެމަނިކުފާނާ ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ކަމުދާތީކަމަށެވެ.

އެމަނިކުފާނު ޗައިނާއާއެކު މާ ގާތް ގުޅުން ބާއްވާކަމަށް ބުނާ ވާހަކަތަކަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ޗައިނާއާވެސް މާ ގާތް ގުޅުން ބާއްވާ ބޭފުޅެއް ނޫންކަމަށާއި، ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދިޔަ އިރުވެސް ރާއްޖޭގެ ދާހިލީ ކަންތައްތަކަށް ޗައިނާގެ ފަރާތުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައިވެސް އޮތީ އިހުތިރާމުގެ ގުޅުމެއް ކަމަށެވެ.

މިއުޗުއަލް ރެސްޕެކްޓް. ދެގައުމުގެ ދޭތެރޭގައި އޮންނަންވާ ގާތް ގުޅުން. އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމް އަދާކުރުން. އެއް ބަޔަކު އަނެއް ބައެއްގެ މިނިވަންކަމަށް އިހުތިރާމް އަދާކުރުން. އެއް ބަޔަކު އަނެއް ބަޔަކު ޓެރިޓޯރިއަލް، އިންޓަގްރިޓީ ދެމެހެއްޓުން.

ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ޗައިނާއާއެކު ވަރަށް ގިނަ މަސައްކަތް ކުރެވޭ ކަމަށާއި ޗައިނާއިން ރާއްޖެއަށް އެހީތެރިވާ ފަދައިން އިންޑިއާއިން ވެސް އެހީތެރިވާކަމަށެވެ.

ރައީސް ވިދާޅުވީ ފެށިފައި ހުރި ހުރިހާ މަޝްރޫއެއްވެސް ކުރިއަށްގެންދަން ބޭނުންވާ ވާހަކަ އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއަށް ވެސް ދަންނަވާފައިވާނެ ކަމަށާއި މަޝްރޫއުތަކާ ގުޅޭ ގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި ހައި ލެވެލް ކޮމިޓީއެއް އުފައްދައިގެން ކުރިއަށްދާން ނިންމީވެސް މަޝްރޫއުތައް އަވަހަށް ކުރިއަށްގެންދިއުމަށް ކަމަށެވެ. އޭގެ ހެޔޮ ނަތީޖާގެ ގޮތުން މަޝްރޫއުތައް މިހާރު މާ ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އަރަބި ގައުމުތަކާމެދު އޮންނަ ގުޅުންވެސް އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށާއި މިހާރު އެ ގުޅުންތައް އަލުން ގާއިމްވެފައިވާކަމަށެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ފައިދާވާނެ ގޮތަށް ހުރިހާ ގައުމަކާއެކުވެސް ގާތް ގުޅުން ބާއްވާނެ ކަމަށެވެ.