މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން، ޖިންސީ ގޯނާ ކުރި މައްސަލައިގައި ފިޔަވަޅު އަޅާވަރުގެ ހާލަތެއް ނެތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

Ads by Asuru

އެމްޑީޕީގެ ”މިސްރާބު ހަމަ މަގަށް“ ކެމްޕެއިނުގެ ސްޕްކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދުގެ ރޭޕް މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ވިދާޅުވީ އަލީ ވަހީދަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތަކާ ގުޅިގެން ފިޔަވަޅު އަޅާވަރުގެ ހާލަތެއް އަދި ނެތް ކަމަށެވެ.

އީސަ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ މައްސަލަ ފެންމަތިވުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވި ކަމަށާއި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގީ އިދާރާތަކާއި ހަވާލުކުރެއްވި ކަމަށެވެ. އަދި ތުހުމަތު ކުރެވުނު ހިސާބުން ކެބިނެޓުން އެއްފަރާތް ކޮށް، ނުފޫޒެއް ނެތި ތަހުގީގަށް ޖާގަ ދިނުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރެއްވި ކަމަށް އީސަ ވިދާޅުވިއެވެ.

އަލީ ވަހީދުގެ ރޭޕްގެ ޝިކާރައަކަށްވި ކުދިންނާ ރައީސް ސޯލިހް ބައްދަލުކުރައްވާ ވަރަށް ބޮޑަށް ކީރިތި ކުރެއްވިކަމަށްވެސް ވެއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެ މައްސަލަ އޮއްބާލުމަށްޓަކައި ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް އެމްޑީޕީ ސަރުކާރުން ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލާފައެވެ. ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުނު ނަމަވެސް އޭނާ ކޯޓަށް ހާޒިރުނުކުރެވުމުން އެންމެ ފަހުން ޖެހުނީ ކޯޓު އަމުރުވެސް ބާތިލުކުރާށެވެ. އަދި ބައެއް ވިކްޓިމްސް ލައްވާ އެމީހުންގެ ބަޔާންތައް އަނބުރާ ނެގުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ގެންދިޔައީއެވެ.

އެޔަށްފަހު އަލީ ވަހީދު ޔޫކޭގައި ހުންނަވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރުގެ އިސްވެރިންގެ އަގު ވެއްޓޭނެފަދަ މައުލޫމާތުތަކެއް އޭނާ އަތުގައި އެބަހުރި ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ. އޭގެ ފަހުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެއް ކަމަށާއި އަލީ ވަހީދަށް އެހީތެރިވެދެއްވާނެ ކަމަށެވެ.

އަލީ ވަހީދު އަނބުރާ ރާއްޖެ އައިސް އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރައްވާއިރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރުގެ އަތުން ޓިކެޓު އަތުލި ފަދައިން އަލީ ވަހީދުގެ އަތުން ޓިކެޓު އަތުނުލަނީ ކީއްވެތޯވެސް ނޫސްވެރިއަކު ވަނީ އެމްޑީޕީއަށް ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އީސަ ވިދާޅުވީ އެއީ ވަރަށް ތަފާތު ދެ ހާލަތެއް ކަމަށެވެ.

ޖާބިރު ރާއްޖޭގެ ރަށްތަކަށް އަރާ ކުޑަކުދިންނާއި އަންހެނުންނާ އާއިލާތަކުގެ ކުރިމަތީގައި ކުރިމަތީ ރޯ އަވަގުރާނަ ގޮވަމުން ވަޑައިގަންނަވާ ވީޑިއޯތައް މުޅި ސޯޝަލް މީޑިއާގައި އެއޮތީ އެތައް ބައިވަރު.

އީސަ މިފަދައިން ވިދާޅުވެފައިވާއިރު އަލީ ވަހީދުގެ ސަބަބުން އަނިޔާތައް ލިބިގެން ދިޔައީވެސް އަންހެނުންނަށެވެ. އަދި އެ އަނިޔާ ލިބުނު މީހުންގެ ބަޔާންތައްވެސް ސޯޝަލް މީޑިއާގައި ހަމަ ބައިވަރެވެ. ސޯޝަލް މީޑިއާގައި ލީކުވި ބަޔާންތަކުން ހާމަވީ ފިއްކަނޑައިގެން ދާ ވަރުގެ ވާހަކަތަކެކެވެ. އެ އަނިޔާތައް ލިބުނު އަންހެނުންގެ ހައްގުތައް އެމްޑީޕީއަކަށް މުހިންމެއް ނުވިއެވެ.

ޖާބިރުއާ ގުޅޭ ގޮތުން އީސަ ވިދާޅުވީ އަހުލާގީ ގޮތުން ވަރަށް ދަށް ފެންވަރުގެ އަމަލުތަކެއްގެ ސަބަބުންނާއި ޕާޓީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާކަން ގަބޫލުކުރެވޭ މައްސަލައަކަށް ޖާބިރުގެ މައްސަލަވުމުން، ޕާޓީގެ އެތެރޭގައި އޮންނަ ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއިން ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅު އެޅީކަމަށެވެ.

އީސަ ވިދާޅުވީ ޖާބިރު އާ މެދު ފިޔަވަޅު އަޅާފައިވާނީ ވީޑިއޯތަކުން ކަންކަން ސާފުކޮށް އެނގެން ހުރުމުން ކަމަށާއި އޭގެ ބަދަލުގައި އަލީ ވަހީދަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށެވެ.

ދާދި ފަހުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިން އިވެންޓެއްގައި ރައީސް ސޯލިހް އުޅުއްވަނިކޮށް އަލީ ވަހީދުގެ ރޭޕް މައްސަލައާ ގުޅޭ ގޮތުން ދިޔަރެސް އިން ސުވާލުކުރެއްވުމުން ވިދާޅުވީ ސޯޝަލް މީޑިއާގައި ލީކުވި ބަޔާންތަކުގެ ސައްހަކަން ޖެހޭނީ ބަލަން ކަމަށެވެ. އެ މައްސަލައާ ގުޅޭ ގޮތުން އޭރު ކީރިތި ކުރެއްވުމަށްފަހު، މިހާރު އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު އެމްޑީޕީއިން ދީފައިވާކަން ނޫސްވެރިޔާ ފާހަގަކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ސޯލިހު ވިދާޅުވީ ”އޭރު ފިޔަވަޅު އެޅިން“ ކަމަށެވެ.

އަދި މިހާރު އެ މައްސަލައާ ގުޅޭ ގޮތުން ދެކިލައްވަނީ ކިހިނެތްތޯ ސުވާލުކުރުމުން ސޯލިހު ވިދާޅުވީ ޖެހޭނީ އެ މައްސަލަ ބަލަން ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ އެއްކޮށް ބަލައި ނިމި، ތަހުގީގު ފުރިހަމަކޮށްފައިވާ މައްސަލައެކެވެ.