މި މަހުގެ 21 ވަނަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދެވޭ ވޯޓަކީ ރައްޔިތުން އެދޭ ތަރައްގީ ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް ދެވޭ ވޯޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރުގެ ތާއީދާއެކު މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަށް މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް ފެނިފައިވާނީ މިދިޔަ ސަރުކާރުން ފައިސާ ނުދީގެން ހުއްޓިފައި ހުރި މަޝްރޫއުތަކަށް މި ސަރުކާރުން ފައިސާ ޗާޕްނުކޮށް ފައިސާ ދީގެން މަޝްރޫއުތައް ފަށާފައި ހުރިތަނާއި އަލަށް ވެސް މަޝްރޫއުތައް ފެށާފައި ހުރި ތަން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށްޓަކައި މި ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓު ފާސްކޮށްދޭނެ މަޖިލީހެއް އޮވެގެން ފާސްވާ ބަޖެޓުން ދެން އަންނަ އަހަރު މާ ބާރު ސްޕީޑުގައި މަސައްކަތްތައް ގެންދެވޭތަން ފެންނާނެ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ 21 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ދެއްވާ ވޯޓަކީ ބާރު ދުވެލީގައި ތަރައްގީ ގެނައުމަށް ދެވޭ ވޯޓަކަށް ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ފިކުރާ ދިމާނުވެ ސަރުކާރަށް ޖެއްސުން ކުރުމާއި، މިހާރުވެސް ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅާގޮތަށް އަޅާނެ ބަޔަކު މަޖިލީހަށް ހޮވައިފިނަމަ މަޝްރޫއުތަށް ހަލުވި ސްޕީޑުގައި އަދި ފުރިހަމައަށް ނުގެންދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި މުޅިންވެސް ދައްކަމުން އަންނަނީ ބަދަލު ހިފުމުގެ ވާހަކަތައް ކަމަށާއި އޭގެ ބަދަލުގައި ދިވެހި ރައްޔިތުން ބޭނުންވަނީ ގައުމަށް ހަމަޖެހުން އައިސްގެން ތަރައްގީ ލިބެން ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ސާބިތުކަމާއެކު ތިބީ އެ ހަމަޖެހުމާއެކު ތަރައްގީ ގެނެސްދިނުމަށް ކަމަށާއި އެކަން ކަށަވަރު ކުރުމަށްޓަކައި ބަދަލު ހިފުމުގެ ރޫހުގައި ތިބި ބަޔަކަށް މަޖިލިސް ތެރެއިން ޖާގަ ދީގެން ނުވާނެކަމަށެވެ.

ރައީސް ވިދާޅުވީ ޖެއްސުން ކުރާނެ މެމްބަރުންތަކެއް މަޖިލީހުގައި ތިބޭނަމަ މަޝްރޫއުތަކާއި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަދަންޖެހޭ ގާނޫނުތައް ހެދުމާއި ސަރުކާރަށް ބޭނުންވާ އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ކަމެއްގައި އިދިކޮޅު ހަދައިގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.