ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރާ ހިލާފަށް މި ސަރުކާރަކީ ރިޔާސީ އިންތިހާބު ބޯމަތިވުމުން ބޯހިޔާވަހިކަމުގެ މަޝްރޫއު ފަށާނެ ސަރުކާރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ގަލޮޅު އުދުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާމިނަތު މިޔާދާގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް މައްސަލައަށް ވާއިރު، އެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުވެސް މަސައްކަތް ފަށާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ދުވަހުވެސް ބޭނުންފުޅުވަނީ ނަތީޖާ ނެރެދިނުމަށް ކަމަށާއި ދެން އަންނަ ރިޔާސީ އިންތިހާބު ގާތްވުމުން މިކަމާ އުޅުއްވުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ފެނިފައި އޮތީ އެކަން ކަމަށާއި ރިޔާސީ އިންތިހާބު ބޯމަތިވުމުން ކޮންމެވެސް ފަޅެއް ހިއްކުމާއި ފްލެޓެއް އެޅުމުގެ މަސައްކަތް ފަށާފައި ހުރި ކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އޭގެ ކުރިން އެއްވެސް ކަމެއް ނިމިދިޔަ ސަރުކާރުގައި ކޮށްފައި ނެތް ކަމަށާއި ރައްޔިތުން އެކަމަށް ހެކިވާނެ ކަމަށެވެ.
އަޅުގަނޑު ފެށީ ފުރަތަމަ ދުވަހު ނޫންތޯ މައްސަލަ ހައްލުކުރަން. ހުޅުމާލެ، ގުޅީފަޅު ގިރާވަރު ފަޅުން މަސައްކަތް ފެށިފައި އޮތް ކަމެއް. އެހެންނަމަވެސް އެ ތިން ތަނުން މިކަން ހައްލު ނުވާތީ އެ ތިން ތަންވެސް ހިއްކާ އަދި އެޔަށްވުރެ ބޮޑަށް އެ ފަޅުތަކުންވެސް ހިއްކަމުން މިދަނީ. އޭގެންވެސް ނުވާނެތީ ދެން މިތާ އެންމެ ކައިރީގައ އޮތީ ފުށިދިއްގަރު ވީމަ އެތަން އެންމެ ފުރަތަމަ މަހު ހިއްކަން ފެށީ ނުންތޯ މި.
ކުރީ ސަރުކާރުން ގުޅީފަޅުގައި އަޅަން ނިންމި ޕޯޓު މި ސަރުކާރުން ތިލަފުއްޓަށް ބަދަލުކުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގޮތަށް ކަންތައް ކުރެއްވީ ޕޯޓު އަޅަން އޮތް ޖާގަވެސް ގޯތިގެދޮރަށް ހާއްސަކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ގިރާވަރު ފަޅުން ވެސް ކުރީ ސަރުކާރުން ހިއްކަން ނިންމި ވަރަށްވުރެ 50 ހެކްޓަރު އިތުރަށް ހިއްކުމަށްވެސް މި ސަރުކާރުން ނިންމާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މާލޭގައި އެހެން ރަށްރަށުގެ ރައްޔިތުންވެސް ދިރިއުޅޭ އިރު އެހެން ފަޅުތައްވެސް ހިއްކަން ޖެހޭ ކަމަށެވެ. އެގޮތުން މާލެ ކައިރިން އެންމެ ބޮޑަށް ހިއްކެން އޮތީ ފުށިދިއްގަރު ފަޅުކަމުން އެތަން ހިއްކަން ނިންމީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ދެން ހުރި މަޝްރޫއުތަކަށް ހުއްޓުން އަންނާނެކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަވަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ގޯތި ދޭން ނިންމާފައިވާ ފަރާތްތަކަށް ގޯތި ހަވާލުކޮށް ފްލެޓްތައްވެސް އެޅުމަށް ލޯނު ދިނުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ހުޅުމާލެއިން ގޯތި ލިބިފައިވާ ބައެއް ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގުޅީފަޅުންނާއި ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
ރައީސް ވަނީ މި ސަރުކާރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު އަންނާނެކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަ މިރޭވެސް ތަކުރާރު ކުރައްވާފައެވެ.