ޒަމާނުއްސުރެ އަހަރުމެންގެ މެދުގައި އޮންނަ އަހުވަންތަކަން ވީރާނާވިޔަ ނުދިނުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފިއެވެ.
ފިތުރު އީދުގެ މުނާސަބަތުގައި މިއަދު އިއްވި އީދު ހުތުބާގައި، މި ދުވަހު އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ އިޖްތިމާއީ ގުޅުން ވަރުގަދަކޮށް އެގުޅުން ދެމެހެއްޓުމަށް ވިދާޅުވިއެވެ.
އަދި މިއީ މުޖްތަމައުގެ ތެރޭގައި ހިމެނޭ ތަފާތުގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް، ޒަމާނުއްސުރެއް އަހަރުމެންގެ ތެރޭގައި އޮތް އަހުވަންތަކަން ވީރާނަވިޔަ ނުދިނުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
”މުސްލިމް އަހުންނާ އުހްތުންނޭވެ! ބައެއްގެ އިޖުތިމާއީ ފޭރާން ވަރުގަދަވުމަކީ، އެ މުޖުތަމައަކަށް، ފާގަތިކަމާއި އަމަން އަމާންކަން ގެނުވާނެ ކަމެކެވެ.“
ހުތުބާގައި ވަނީ، ބައެއްގެ ތެރޭގައި ރިވެތި އަހްލާގު ފެތުރިއްޖެނަމަ، އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެ ކަމަށާއި، ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުހުއްވަތްތެރިކަމާއި، ރިވެތި އަހްލާގު، ވީރާނާވިޔަ ނުދިނުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
އަދި ދުލުގެ އާފަތްތަކުގެ ޝިކާރައަކަށްވެ، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެދުމާއި، ދޮގު ހެކިދިނުމާއި، މަލާމާތްކޮށް ފުރައްސާރަކުރުމާއި، ހަޑި ހުތުރުބަހުން ވާހަކަދައްކާ ބަޔަކަށް ނުވުމަށް ވެސް ހުތުބާގައި ގޮވާލެއްވިއެވެ.