ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއި ހިލާފަށް އެސްއޯ ފުލުހުން ބޭނުންކުރި މައްސަލައިގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، އެ މައްސަލައާމެދު ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

Ads by Asuru

މުލިއާގޭގައި އީދު ސަލާމް ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޭގެ ޖަލްސާގެ ކަންކަން ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކަންތައް ކޮށްފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނޫން ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ ގައުމުގައި ހަމަޖެހުން ގާއިމްކުރުން ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ސިޔާސީ ދާއިރާއިން ފެނުނު ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށާއި ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅާނެ ވާހަކައަކީ ރައީސް ތަކުރާރުކޮށް ދައްކަވަމުން އަންނަ ވާހަކައެކެވެ. މިއަދުވެސް އެ ވާހަކަ ތަކުރާރު ކުރައްވާ ރައީސް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް މަސައްކަތް ކުރަނިކޮށް އެސްއޯ ފުލުހުން ހުރަސް އަޅާފައިވަނީ އެމަނިކުފާނުގެ އިރުޝާދާއި ހިލާފަށް ކަމަށެވެ. އެކަމާމެދު ނުރުހުން ފާޅުކުރައްވާ ރައީސް ވިދާޅުވީ ސިޔާސީ ފިކުރެއްގެ ސަބަބުން މީހުން ހިފާ ހައްޔަރުކުރުމަކީ އެމަނިކުފާނު ޓޮލަރޭޓްކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސްއާއި ފުލުހުންނާއި ވެސް މީގެ ކުރިން އެމަނިކުފާނު ބައްދަލުކުރައްވާ އިރުޝާދު ދެއްވާފައިވާނީ ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތަށް ޖާގަނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ފުލުހުންގެ މުވައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށް ކަމަށާއި މީގެ ކުރިން އެސްއޯ ފުލުހުން ގޮސް ރައްޔިތުން ހައްޔަރުކޮށް އަނިޔާކުރާ މުވައްސަސާއެއް ގޮތުގައި ލޭބަލް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގަ ފެނިފައި އެބަހުރި ހަމަ ޚިޔާލު ފާޅުކޮށްލާއިރަށް ޕިކަޕަށް އާޅާލައިގެން ނުވަތަ ވެހިކަލަށް ލައިގެން ގެންދަނީނޫންތޯ. އެކަން އަޅުގަނޑު ޤަބޫލެއް ނުކުރަމޭ މިޤައުމުގަ އޮންނަންޖެހޭނެކަމަކަށް. އެއީ އަޅުގަނޑު މިދަންނަވާ ހަމަޖެހުން ގެނައުމުގެ މާނައަކީ. ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އިރުޝާދާއި ހިލާފަށް އެސްއޯ ފުލުހުން އަމަލުކުރިކަން އެނގުނީ ނޫހުން ކަމަށާއި އެގޮތަށް އެކަންތައް ދިއުމުން ވަރަށް ހިތާމަކުރެއްވި ކަމަށެވެ. އަދި އެމައްސަލައަށް ވަގުތުން އެޑެންޓްވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެސްއޯ ފުލުހުން ތަނަކަށް ފޮނުވަން ޖެހޭނީ ބައެއްގެ މުދަލަށް ގެއްލުން ދިނުންފަދަ ބޮޑެތި ހަމަނުޖެހުމެއް ހިންގާނަމަ ކަމަށާއި އެ ހާލަތަށް ގައުމުގެ ކަންކަން ނުދާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ރޭގެ ހާދިސާއާ ގުޅުގެން ކަން ހިނގި ގޮތް ސާފުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާ ސުވާލުކުރެއްވި ކަމަށެވެ. ރައީސް ވަނީ މިރޭ އިރުއޮއްސުމުގެ ކުރިން ކަން ހިނގިގޮތުގެ ތަހުގީގީ ރިޕޯޓު ފޮނުވުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފައެވެ. އަދި އެ ރިޕޯޓު ލިބުމުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް ގިޔާސުއްދީން ސްކޫލް ހަމަނުޖެހުނުކަން އެނގިވަޑައިގެންނެވުމުން ޕީއެންއެފްގެ ބޭފުޅުންނަށް އެ ޖަލްސާ ބޭއްވުމަށް ފަހިކުރެވެން އޮތް ކޮންމެ ކަމެއް ކުރެއްވުމަށް އެންގެވިކަމަށެވެ. އެގޮތުން ސްޕޯޓްސް މިނިސްޓަރަށް ގުޅުއްވައި އެ ޖަލްސާ ބޭއްވުމަށް ސޯޝަލް ސެންޓަރު ހިލޭ ހަމަޖައްސަވައިދެއްވުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސްޕޯޓްސް މިނިސްޓަރު ލައްވާ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހް ޖަމާލަށް ގުޅުއްވައި ސޯޝަލް ސެންޓަރު ހިލޭ ދެއްވާނެކަން އެންގެވިކަމަށް ރައީސް ވިދާޅުވިއެވެ.

އޭރު ޕީއެންއެފް އިން ދިޔައީ ރާޅުގަނޑު ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެއާއެކު އެއްވެސް ގޮތަކަށް އެސްއޯ ފުލުހެއް އަދި އާދައިގެ ފުލުހެއްވެސް އެ ސަރަހައްދަށް ނުފޮނުވުމަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުލުހުން ސިޔާސީ ޖަލްސާތަކަށް ފޮނުއްވައިގެން ޖަލްސާތަކަށް ހުރަސް އެޅުމަކީ އެމަނިކުފާނު ވަރަށް ދެކޮޅު ކަމެއް ކަމަށާއި، މީގެ ކުރިން ރާއްޖޭގައި އެފަދައިން ކަންތައް ހިނގާފަ ހުރި ގޮތަށް މި ސަރުކާރުން ކަންތައް ކުރަން ބޭނުން ނުވާ ކަމަށެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ހިޔާލު ފާޅުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށާއި އެކަމަށް މި ސަރުކާރުން ހުރަސް ނާޅާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އިރުޝާދާއި ހިލާފުވި މައްސަލައިގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމަށެވެ.

ރޭގެ ހާދިސާއާ ގުޅޭގޮތުން ހޯމް މިނިސްޓަރު ރޭ ދަންވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ ގިޔާސުއްދީން ސްކޫލް ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތާއި، ބާރުގެ ބޭނުންކުރުމާއި އެސްއޯ ފުލުހުން ބޭނުންކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބެލުމަށް ޕޮލިސް ކޮމިޝަނަށް ދަންނަވާފައިވާ ކަމަށެވެ.