މި ސަރުކާރުގެ މިސްރާބު ހުރީ ދަރަންޏަށްވުރެ އަރަނި ބޮޑުކުރުމަށްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރުގެ މިސްރާބު ހުރީ ދަރަންޏަށްވުރެ އަރަނި ބޮޑުވުމާއި، ސައްތައިން ސައްތަ ދިވެހިންގެ ގައުމެއްގެ ގޮތުގައި މި ގައުމު ބޭއްވުމާއި، އިސްލާމީ ދައުލަތެއް ހިންގުމާއި ހަރުދަނާކަންމަތީ މި ގައުމު ތަރައްގީކޮށްގެން ކުރިއަށްދިއުމަށް ކަމަށެވެ.

ސައީދު ވިދާޅުވީ ވެރިއެއްގެ ކިބައިން ރައްޔިތުން ބޭނުންވާނީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ތަރައްގީތައް ކުރިއަށްދިއުމާއި، ގައުމު ބަނގުރޫޓުނުވެ ކުރިއަށްދިއުމާއި، ގައުމު ތިޔާގިވުމާއި ގައުމަށް ދަރަނި ކުޑަވުމާއި ގައުމުގެ މިސްރާބު ހަމަމަގަށް އެޅިގެން ކުރިއަށް ދިއުންކަމަށެވެ. އަދި އެ ހުރިހާ ކަމެއްވެސް މި ސަރުކާރުން ފެންނަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހިކުމަތްތެރި ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރުން ނޫންގޮތަކަށް ރައްޔިތުން ވިސްނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ލ. މާވަށަށް އަލިއަޅުއްވާލައްވާ ސައީދު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުގައި އެރަށާއި ރަށުގެ ރައްޔިތުންނަށް ކޮށްދީފައިވާ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުއްލާއާއި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއަކީ ލ. އަތޮޅަށް ނިސްބަތްވާ ދަރިންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ލ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ސަރުކާރަކީ މި ސަރުކާރު ކަމަށެވެ.

ސައީދު ވިދާޅުވީ މި ސަރުކާރަށް މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި 35 މިލިއަން ޑޮލަރު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ރައްކާކޮށްފައިވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާކަމަށެވެ. އަދި މިއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި، ”ބައި ޑިޒައިން“ ރާއްޖެ ދަރުވާލަން ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަމުން ސަލާމަތްކޮށްދިނީ ރައީސް މުއިއްޒު ކަމަށް ސައީދު ވިދާޅުވިއެވެ.