ހައްދުންމަތީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ހަވީރު ނިންމަވާލެއްވުމަށްފަހު އައްޑޫ ސިޓީއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.

Ads by Asuru

އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ނަމަވެސް އެ ސިޓީން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެމަނިކުފާނާ ސަލާމްކުރެއްވުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސަފު ހަދާފައެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާވެސް އެކްސްގައި ވީޑިއޯއެއް ހިއްސާކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ އައްޑޫ ސިޓީން ރައީސް މުއިއްޒަށްކީ ވަރަށް ހޫނު މަރުހަބާއެއް ކަމަށާއި، ސަލާމް ކުރައްވާތާ ގަޑިއިރެއްވީ އިރުވެސް އަދިވެސް ސަފު ނުނިމޭ ކަމަށެވެ.

ހައްދުންމަތީގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، ހައްދުންމަތީގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ހައްދުންމަތީ ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާހް ކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ރައީސް ހައްދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، ހައްދުންމައްޗަށް މިކުރެއްވި ދަތުރުފުޅާއެކު މިހާތަނަށް ވަނީ ޖުމްލަ 162 ލޯކަލް ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމާޒަކީ ފަސްއަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.