މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ގިނަ ކަންކަމަށް އައްޑޫ ސިޓީއަށް ވައުދުވެފައިވާނެ ކަމަށާއި އުމްރާނީ މަސައްކަތްތަކަށް ބަލާއިރު ބްރިޖުގެ މަސައްކަތަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތް ދެން އަންނަ ރިޔާސީ އިންތިހާބާއި ކައިރިވުމުން ފެށުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ އުސޫލެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަފްތާ-14ގެ ތެރޭގައި ހިމަނައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަމަށެވެ.

އެގޮތުން ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އައްޑޫ ބްރިޖު މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ ސަރވޭ އަދި ޑިޒައިން ހެދުމަށް މިސްރުގެ ދި އަރަބް ކޮންޓްރެޓާސް އާ ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނިން އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށާއި ޑިޒައިން މަސައްކަތުގެ ވެސް ތިންބައިކުޅަ އެއްބައި މިހާރު ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ޑިޒައިންގެ މަރުހަލާ ނިމޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށާއި އެ މަސައްކަތަކީ 2028 ވަނަ އަހަރު އައިމަ ފަށާ މަސައްކަތަކަށް ބާއްވަން ބޭނުން ނުވާކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ވިސްނުން މިހެން ހުރިނަމަވެސް، މިދިޔަ ހަތަރު މަސްތެރޭގައި މަޖިލިސް ހިނގި ގޮތަށް ހިނގަން ރައްޔިތުން ފުރުސަތު ދީފިނަމަ މަސައްކަތް ހުއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ދިވެހި ލޮބުވެތި ރައްޔިތުން އެ ރިސްކު ނުނަންގަވާ. އަޅުގަނޑުވީ ކޮންމެ ވައުދެއް ފުއްދަން މިހުރީ އިރާދަކުރެއްވީތީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި. އެ ފުއްދުމަށްޓަކައި ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ރައްޔިތުން އަޅުގަނޑަށް ދެއްވަން މި އެދެނީ. ދެއްވީމާ ހަމަ ފުރިހަމައަށް ރަނުން ރަނަށް ހުރިހާ ވައުދެއް ފުއްދަދޭނަން އިރާދަކުރެއްވިއްޔާ.

ރައީސް ވިދާޅުވީ މި ސަރުކާރާ ހިޔާލު ތަފާތުވާ ބަޔަކު މަޖިލީހުގައި ތިބެގެން މިކަން ނުކުރެވޭނެ ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދަންނަވާ ވާހަކައެއް ކަމަށެވެ. އަދި މި ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހައްދަވާ ސިޓީގެ މަސްލަހަތު އިސްކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނައުމަށްޓަކައި އެންމެ މިނެޓެއްވެސް ބޭކާރު ކުރެވެން ނެތް ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ ކޮންމެ ވައުދެއްވެސް ފަސް އަހަރު ތެރޭގައި ފުއްދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުއްވާ ކަމަށެވެ.