މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”އާދައިގެ ސިމެންތި“ ބޭނުންކޮށްގެން ގޯސްކޮށް ހަދާފައިހުރި މަގުތައް ހަލާކުވުމުގެ ސަބަބުން އެ މަގުތަކުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އަންނަނީ ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރުގައި ގޯސްކޮށް ކުރިއަށްގެންގޮސްފައި ހުރި މަޝްރޫއުތައްވެސް އަލުން ފުރިހަމައަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ ބައެއް މަގުތައް ހުރީ އެންމެ އާދައިގެ ސިމެންތި ފަށަލަ ކަމަށްވާ ސީއެސްޕީގެ ސިމެންތި ލޭޔަރު އަޅާފައި ކަމަށެވެ. އޭގެ ސަބަބުން މަގުތައް ހަލާކުވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި 60 ކިލޯމީޓަރު މަގުގައި ތާރުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު އައްޑޫ ސިޓިގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ތާރު އަޅަނީ ބައެއް މަގުތަކުގައި ކަމަށާއި 100 ކިލޯމީޓަރުގެ ތެރެއިން 60 ކިލޯމީޓަރު މަގު ހުރީ ހަލާކުވެފައި ކަމަށެވެ. އެހެންކަމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ހަލާކުވެފައި ހުރި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ހަރަދުވާކަމަށެވެ.

މިދެންނެވި ސީއެސްޕީ ސިމެންތި ލޭޔަރު އަޅާފައި ހުރި 60 ކިލޯމީޓަރުގައި ތާރު އަޅައިދޭނަން އަޅުގަނޑުމެން. އެއީ ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ދެން ދިވެހި ރުފިޔާއަށް ބަދަލު ކުރިމާ ވާނެ ވަރަށް ވާނެ. އެހެންވީމާ އެވަރުގެ މަޝްރޫއެއް މިއަހަރު އަމަލީގޮތުން ފެންނާނެ، މި ސިޓީއަށް.

ރައީސް ވިދާޅުވީ ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބެލިއަސް އެމްޑީޕީން މަސައްކަތްތައް ކޮށްފައި ހުރީ މިފަދައިން ކަމަށާއި، މި ސަރުކާރުން އަންނަނީ އެފަދަ މަޝްރޫއުތައް އަލުން ފަށާ، އިތުރު ތަރައްގީ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.