ފ.ނިލަންދޫގެ އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، އެ ރަށުގައި އެންމެ ރަނގަޅު ފެންވަރުގެ އެއާޕޯޓެއް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ފ.ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ނިލަންދޫގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމުގެ ލިސްޓުގެ އެއްވަނައިން ފެށިގެން 100 ވަނައަށް  ވެސް އޮންނާނީ އެއާޕޯޓު މަޝްރޫއު ކަމަށާއި، އެކަން މިހާރު އެވަނީ ފެށިފައި ކަމަށެވެ.

”ދެން ނުހުއްޓޭނެ، އަމަލީ ގޮތުން ބިން ހިއްކަން އެ ފެށީ. އިރާދަކުރެއްވިއްޔާ، މި މަސައްކަތް ގޮސް ބާރު ސްޕީޑުގައި ނިމޭއިރުގަ، ތި ބޭފުޅުންގެ އުއްމީދުތަކުގަ ކުލަ ޖެހި، އެންމެ ފުރިހަމަ، ރަނގަޅު އެއާޕޯޓެއް މި ރަށުގައި އޮންނާނެ.“ ރައީސް ވިދާޅުވިއެވެ.

ނިލަންދޫ އެއާޕޯޓު ތަރައްގީ ވެގެންދާއިރު، 1800 މީޓަރުގެ ދިގު ރަންވޭއެއް އޮންނާނެކަން ފާހަގަކުރައްވައި ރައީސް ވަނީ، އެމަނިކުފާނަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދު ފުއްދަވާނެ ވެރިއެއްކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އަދި މިއަދުވެސް ރައްޔިތުންގެ އަރިހުގައި ދައްކަން ހުރީ، މެނިފެސްޓޯ އިއުލާނު ކުރެއްވިއިރު ވެސް ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް ކަމަށާއި، އެއީ ދައްކަވާ ކޮންމެ ވާހަކަފުޅެއް ވެސް ދައްކަވަނީ ހިތުގެ އެންމެ ފުން މިނުން، އެކަމެއް ކުރެވޭނެ ގޮތް ތަފްސީލުކޮށް ވިސްނަވައި، ހެޔޮ ނިޔަތުގައި، ކަމަށް ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.