އިސްލާމްދީނާ ގުޅުންހުރި ކަންކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ފިކުރާ އެމަނިކުފާނުގެ ފިކުރު ވަރަށް ތަފާތު ކަމަށާއި، އެދެބޭފުޅުން ސިޔާސީ ގޮތުން އެއްގަލަކަށް އަރާވަޑައިގެންފާނެ ކަމަށް ގަބޫލުފުޅުނުކުރެއްވޭ ކަަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން، މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ ތެރެއިން ލިބޭ އާންމު ހައްގުތައް ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށް އެމަނިކުފާނުވެސް ގަބޫލުފުޅުކުރައްވާ ކަަމަށެވެ. އެގޮތުން ފާހަގަކުރެއްވީ، މިނިވަންކަމާއެކު ހިޔާލުފާޅުކުރުމާއި، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގު ފަދަ ކަންކަމެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދާ އެމަނިކުފާނުގެ ހިޔާލު، މިފަދަ ކަންކަމުގައި އެއްގޮތް ވިޔަސް، ދީނާ ގުޅުންހުރި ބޮޑެތި މަައްސަލަތަކުގައި ދެބޭފުޅުންގެ ފިކުރު ވަރަށް ތަފާތު ކަމަށެވެ.

ރައީސް ނަޝީދާ އަޅުގަނޑާ، ސިޔާސީ ގޮތުން އެއްބަސްވެވޭ އެއް އިސްލާހަކީ، ދިވެހިރާއްޖެއަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމެކޭ. އެކަމަކު ދިވެހިރާއްޖޭގައި އޮންނަންވީ ނޯމްސްއާ، އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓާނެ މިންވަރާ، ލިބަރަލިޒަމް އޮންނަންވާނެ މިންވަރާ، ކިހާވަރަކަށްތޯ ރާއްޖޭގައި އިސްލާމްދީނުގެ ސިފަތައް އެކުލެވޭ ޑިމޮކްރަސީއެއް އޮންނަންވާނީ، މިކަމުގަ އަޅުގަނޑާ ރައީސް ނަޝީދާ ހިޔާލު ވަަރަށް ތަފާތު. ވަރަށް ތަފާތު.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެެވެ.

މިހާލަތުގައި ރައީސް ޔާމީނާއި ނަޝީދު އެއްގަލަކަށް އަރާވަޑައިގެންފާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް ރައީސް ޔާމީން މިރޭ ވިދާޅުވީ، އެއީ ”ވުމަށްވުރެ، ނުވުން ގާތް“ ކަމެއް ކަަމަށެވެ.