ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ކަމަށާއި އެއީ ގައުމަށް ރަނގަޅު، ގައުމަށް ހެޔޮ ގޮތްތަކަށް ތަރުހީބުދޭ އަދި ނުރަނގަޅު ގޮތްތަކަށް ނޫނެކޭ ބުނާ ފަރާތްތައް ކަމަށެވެ.
މިރޭގެ ޖަލްސާގައި ޑިމޮކްރަޓްސް ކެންޑިޑޭޓް ޕީއެންސީ ކެންޑިޑޭޓް އެންޑޯސްކޮށްއިވާއިރު، އިހުސާން ވިދާޅުވީ ބިނާކުރަނިވި ހިޔާލާއި ތަފާތު ހިޔާލުތަކުގެ ތެރެއިން ގައުމެއް އާރާސްތުކުރުމަށް މަސައްކަތް ކުރާއިރު، ވަކި ހިސާބަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން މިއީ ދުނިޔެ ދަންނަ ކަމެއް ކަމަށެވެ. އަދި އެއީ ޑިމޮކްރަސީތަކުގައި ވަރަށް ފަރިތަ ކަމެއް ނަމަވެސް މި ގައުމުން އެ މަންޒަރު އެހާ ނުފެންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ދަ ޑިމޮކްރަޓްސް އަކީ މިދަފަ ހާލަތްތަކުގައި މިފަދަ ނިންމުންތައް ނިންމާކަމަށް ފާހަގަކޮށްލެވޭ ޕާޓީއެއް ކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއީދުކުރައްވަން ނިންމަވާ، އެމަނިކުފާނާއެކު އެބޭފުޅުން މަސައްކަތް ކުރައްވާފައިވާކަންވެސް އިހުސާން ފާހަގަކުރެއްވިއެވެ.
އިހުސާން ވިދާޅުވީ އިންތިހާބެއްގައި ވާދަކޮށްފައި އެ އިންތިހާބެއްގެ ރައްޔިތުންގެ ރޫހާއި އަދި އެވަގުތަށް އެ ދާއިރާއަކަށް އެންމެ ރަނގަޅީ ކޮން ގޮތެއްތޯ ވަކި ހިސާބަކުން ނިންމަވާ އެގޮތަށް އެމީހެއްގެ ސިޔާސީ ކުރިމަގު ބައްޓަން ކުރުމަކީ މުޖުތަމައުގެ ތެރެއިން ފެންނަ ކަމެއް ކަމަށެވެ. އަދި ޑިމޮކްރަޓްސް ކެންޑިޑޭޓް ޕީއެންސީ ކެންޑިޑޭޓް އެންޑޯސްކޮށްއިވާއިރު އެކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ މިރޭ ފެނިގެން މިދިޔައީ އެފަދަ މިސާލެއް ކަމަށެވެ.
އިހުސާން ވިދާޅުވީ މިދަފަ ނިންމުންތައް ނިންމަވަނީ ސިޔާސީގޮތުން ތަޖުރިބާހުރި، ގައުމާއި ރައްޔިތުންނަށް ވަފާތެރި ބޭފުޅުންކަމަށާއި މިއީ ވަރަށް ކެރިގެން ނޫނީ ނިންމެވޭނެ ނިންމުންތަކެއް ނޫންކަމަށެވެ. އަދި ޕީއެންސީއާއި ޑިމޮކްރެޓްސް އިން ގުޅިގެން ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ބޭނުންވެފައި ކަންތައްތައް ހައްލު ކޮށްދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އިހުސާން ވަނީ އިލްތިމާސްކުރައްވާފައެވެ.
އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތަޖުރިބާ ކުރެވިގެންދިޔައީ ފަނާކުރަނިވި މަޖިލީހެއް ކަމަށެވެ. އޭގެ ތެރެއިން ރައްޔިތުންނަށްޓަކައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ކުރެއްވި ހިޔާލުފުޅާއި އަދި ދެއްވަން ބޭނުންވި ހިދުމަތަށް މަޖިލިސް ތެރެއިން ހުރަސްތައް އެޅި މަންޒަރު ފެނިގެން ދިޔަކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެ ހުރަސްތަކުގެ ތެރެއިންވެސް މި ސަރުކާރުން ދިޔައީ ކުރިއަށްކަމަށާއި އަދި ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް އޮވެއްޖެނަމަ ދުވެލި ދާނީ އެޔަށްވުރެ މާ ބާރަށް ކަމަށެވެ.