މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ކުރަމުން އަންނަ އެންޓި-ކެމްޕެއިނާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Asuru

ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަނޑައެޅި ތަރުޖަމާނު ހީނާ ވަލީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ވިއްކުމުގެ ބަދަލުގައި އެންޓި-ކެމްޕެއިން ކުރުމަކީ ގާނޫނުތަކާއި ހިލާފުކަމެއް ކަމަށެވެ.

ހީނާ ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިނުގައި ބޭނުންކުރާ ބެނާތަކާއި ޕޯސްޓަރުތަކުންވެސް އެމްޑީޕީގެ އެއްވެސް ސިޔާސަތެއް ފެންނަން ނެތް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައާއި މަގުމަތީގައި ދަމާފައިހުރި ބެނާ އަދި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށް އެމްޑީޕީން ގެއްލުން ދެމުން އަންނަ ކަމަށާއި، ކަމާބެހޭ މުވައްސަސާތަކުން މިކަންތައް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހީނާ ވިދާޅުވިއެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނުތަކާއި ހިލާފަށް އެމްޑީޕީން އެފަދަ އަމަލުތައް ކުރަމުން އަންނާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ހީނާ ވަނީ އެ މައްސަލަ ބެއްލެވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

އެމްޑީޕީން އެންޓި-ކެމްޕެއިން ކުރާތީ އިއްޔެ ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.