އެމަނިކުފާނަށް ދެވަނަ ފަހަރަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އިންޑިއާއާއެކުގައި ގުޅުން ބޭއްވިޔަސް، ހުރިހާ ކަމެއް އެގައުމަށް ދޫނުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

Ads by Asuru

ގިނަ ދުވަސްތަކަކަށްފަހު، މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިންމީ ދިވެހިރާއްޖޭގެ އިސްތިގްލާލާއި ސިޔާދަތު ރައްކާތެރި ކުރުން ކަމަށެވެ.

އެހެންކަމުން، މި ސަރުކާރުން އިންޑިއާއާއެކުގައި ބާއްވާފަދަ ގާތް ގުޅުމެއް، އެމަނިކުފާނުގެ ސަރުކާރުން އިންޑިއާއާއެކުގައި ނުބާއްވާނެ ކަމަށާއި، ހަމައެކަނި އިންޑިއާއަށް އިސްކަންދޭ ”އިންޑިއާ އޮންލީ“ ސިޔާސަތެއް ނުގެންގުޅުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހާރިޖީ ގޮތުން އިންޑިއާއާ ދޭތެރޭގައި އަވަށްޓެރި ގާތް ގުޅުން އޮންނާނެ. އެމީހުންވެސް އަޅުގަނޑުމެންނަށް އިހްތިރާމް ކުރާ މިންވަރަކަށް، އަޅުގަނޑުމެންގެ އިސްތިގްލާލާ މިނިވަންކަމަށް އެމީހުންގެ ގަދަރު ހުންނަ މިންވަރަކުން އަޅުގަނޑުމެންނަށް އެކަން ދެމެހެއްޓޭނީ.

ރައީސް ޔާމީން މީގެ ކުރިން ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިް ބާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެގައުމުގެ ސިފައިންގެ ”އެންމެ ބޫޓު ކިބައަކަށްވެސް ޖާގައެެއް ނެތް“ ކަމަށް ވިދާޅުވިއިރު، މިރޭވެސް އެވާހަކަ ތަކުރާރު ކުރެއްވިއެވެ.

ދެން އެންމެ ބޫޓު ކިބައެއް ހުންނަންޏާ، ޔަގީން ދެއްތޯ، ދެވަނަ ބޫޓު ކިބައެއްވެސް ހުންނާނެކަން.

ރައީސް ޔާމީން ވަނީ ރާއްޖޭގެ މިނިވަންކަމަށް އަސަރު ފޯރުވޭ ގޮތަށް، ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާއެއް ދާއިމީކޮށް ވަޒަންވެރިވާން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.