އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހާއި އިންތިހާބީ މަރުކަޒުތަކަށް ބޭނުންވާ އިދާރީ ސާމާނުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

Ads by Asuru

ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓު ކަރުދާހާއި އިދާރީ ސާމާނުތައް ރަށްރަށަށް ފޮނުވަން ފަށާފައިވަނީ ރޭ ފަތިހު ކަމަށެވެ. އެގޮތުން އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ފޮނުވަން ޖެހޭ ސާމާނު ކަނޑުމަގުން ފޮނުވާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ފޮނުވަން ޖެހޭ ތަކެތި ވައިގެ މަގުން ފޮނުވުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ ހއ. ހދ. ށ. ނ. ރ. ބ. އަދި ޅ އަތޮޅު ވެރިކަން ކުރާ ރަށްތަކަށް ސާމާނު ފޮނުމުގެ މަސައްކަތް ކުރާނީ މާދަމާ ކަމަށެވެ. އަދި އަތޮޅު ވެރިކަން ކުރާ ރަށްތަކުން އަތޮޅުގެ އެހެން ރަށްތަކަށް އެ ސާމާނު ފޮނުވާނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ނިޔަލަށް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި ހޮނިހިރު ދުވަހުގެ ނިޔަލަށް ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި މިފަހަރު ވޯޓު ފޮށި ބަހައްޓާއިރު، އިންތިހާބަށް ބޭނުންވާ ސާމާނާއި އޮފިޝަލުން ފޮނުވާނީ ހުކުރު ދުވަހު ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އިންތިހާބަށް ބޭނުންވާ ސާމާނުތައް ރަށްރަށަށް ފޮނުވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 284,663 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.