ތަރައްގީގެ ނަތީޖާ ނެރެ، މާލޭގެ ރައްޔިތުންނަށް އެ ތަރައްގީ ދައްކުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ގަލޮޅު ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަމަށާއި، އެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް އެންމެ ފުރަތަމަ ވެސް ފަށާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އުޅެން ފެށީ ދައުރު ނިމެން ”ދެތިން ދުވަހަށް“ ވެފައި ވަނިކޮށްކަމަށެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ގޯތިދީ ނިންމާނެކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބުނި ކަމަށެވެ. އެޔަށްފަހު ބުނީ 19 ވަނަ މަޖިލިސް ލިބިގެން ނޫނީ އެކަން ނުވާނެ ކަމަށާއި އެބޭފުޅުންނަށް ސަރުކާރުވެސް މަޖިލިސްވެސް ލިބިގެން އެކަން ނުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މާލޭގެ ރައްޔިތުންގެ އުއްމީދު ގެއްލުމުން އެހެން ގޮތެއް ހިޔާރު ކުރުމަށް ރައްޔިތުން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި އިރުވެސް އެމްޑީޕީގެ ގިނަ މެމްބަރުންތައްވެސް ނިންމީ އޭރުގެ ސަރުކާރުގެ ކެންޑިޑޭޓަކު މޭޔަރުކަމަށް ހޮވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވިއިރުވެސް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ގުޅީފަޅުގައި ޕޯޓު އަޅައިފިނަމަ، ރައްޔިތުން ބޭނުންވާ ގެދޮރުވެރިކަން ފަހިކޮށްދެވެން އޮތް ބޮޑު ޖާގައެއް ގެއްލޭނެކަމަށް ވިދާޅުވެ، ތިލަފުއްޓަށް ޕޯޓު ބަދަލުކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޖާގަކޮޅުވެސް މާލޭގެ ރައްޔިތުންނަށް ހުސްކޮށްދީ، އެތަނުގައި ތިރީހަކަށް ހާސް މާލޭގެ ރައްޔިތުންނަށް ގޯތި ދެވެން އެބަ އޮތޭ، ފްލެޓްވެސް އެޅެން އެބަ އޮތޭ. ހަމަ ހިލާ އެ ދެ އަހަރާއި ބައި އަޅުގަނޑު މޭޔަރަކަށް ހުރި އިރުގައި ކައުންސިލަށް އެއްވެސް ފުރުސަތެއް ނުދީ ސަރުކާރުން ވަގުތު ބޭކާރު ކޮށްލީ.

ރައީސް ވިދާޅުވީ އޭރުވެސް އެމްޑީޕީން ކަން ކުރެއްވީ އެހެން ކަމަށާއި އޭރުވެސް އޮތީ ހަމަ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީ މެޖޯރިޓީ ކަމަށެވެ. އެހެންކަމުން ރައްޔިތުން ނިންމެވީ ރައީސް މުއިއްޒާ މި ވެރިކަން ހަވާލުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު އެމްޑީޕީ އަތުގައި ސަރުކާރުވެސް މަޖިލީހުގެ މެޖޯރިޓީވެސް އޮވެމެ، މާލޭގެ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދީފައި ނުވާކަމަށެވެ. އަދި ނަމެއްގައި ކަން ކުރާ އުސޫލުން އެންމެ ފަހު ވަގުތު ކަނޑުންނާއި ފަޅުންނާއި ތަންތަނުން ގޯތިތައް ބަހާ ނިންމާ، ފްލެޓުތައް ވެސް އަޅަން ފެށީވެސް އެންމެ ފަހު ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ކުރި ބަޔަކު މަޖިލީހުގައި ތިއްބަ، އަނެއްކާވެސް އެމީހުންނަށް ދޭންވީތޯ ކުރިއަށް އޮތް ފަސް އަހަރު. މި މައްސަލަ ހައްލުކުރުމަށް ރައްޔިތުން އަޅުގަނޑަށް ސަރުކާރު ދީފައި، އެޔަށް ހުރަސް އަޅަން މަޖިލިސް ހިންގަން އެބޭފުޅުންނަށް ދިނީމަ މި ދެކޮޅެއް ނުޖެހެ. ދެކޮޅެއް ނުޖެހޭނެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ނަތީޖާ ނެރެދެއްވުމަށް ކަމަށާއި އެ ނަތީޖާ ނެރުމަށްޓަކައި މާލޭގެ 17 ގޮނޑި ސަރުކާރަށް ބޭނުންފުޅުވާކަމަށެވެ. އަދި އެޔާއެކު ތަރައްގީގެ ނަތީޖާ ނެރެ، މާލޭގެ ރައްޔިތުންނަށް ދައްކުވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ގުޅީފަޅާއި ގިރާވަރު ފަޅާއި ހުޅުމާލެ ހިއްކައިގެންވެސް ނުފުދޭނެތީ މާލެއާއި ދެން އެންމެ ކައިރީގައި އޮތް ފުށިދިއްގަރު ފަޅުވެސް ހިއްކަން ފަށާފައިވާ ކަމަށެވެ. އަދި އެތަނުން ރައްޔިތުންނަށް މި ފަސް އަހަރު ތެރޭގައި ގޯތި ދޭނެ ކަމަށާއި، ކުރީ ސަރުކާރުތަކާއި ހިލާފަށް މި ސަރުކާރުން ނަތީޖާ ނެރުމަށް މަސައްކަތް ފަށާފައިވާނީ ދައުރުގެ ކުރީކޮޅު ކަމަށް ރައީސް ވިދާޅުވިއެވެ.