ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރުން ރައްޔިތުންނަށް ދީފައިވާ އެއްވެސް ފްލެޓެއް އަތުލަން ބޭނުން ނުވާކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފިއެވެ.

Ads by Asuru

ގަލޮޅު ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށާއި ރިޔާސީ އިންތިހާބު ތެރޭގައިވެސް ވައުދުވެވަޑައިގެންފައިވާނީ ނިމިދިޔަ ސަރުކާރުން ދިން ފްލެޓުތަކުގެ ތެރެއިން އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް މި ސަރުކާރުން އަތުނުލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އޭރުގެ ސަރުކާރުން އަވަސް އަރުވާލާފައި ދޭން ނިންމި ގޯތިތައްވެސް ގޯތި ލިބުނު ފަރާތްތަކާއި ހަވާލު ކުރައްވާނެ ކަމަށާއި، ހުޅުމާލެއިން ގޯތި ހަވާލުކުރުމުގެވެސް އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ ގޯތިތައް ހަވާލުކުރުމުގައި ކުޑަ ލަސްވުމެއް އައީ އެމްޑީޕީ ސަރުކާރުން އެއްވެސް ބެލުމެއް ނެތި ގޯތިތައް ބަހާލާފައި ހުރުމުގެ ސަބަބުން އެކަންތައް ރަނގަޅުކުރަން ޖެހުމުން ކަމަށެވެ.

އެގޮތުން ގޯތި ދިން އިރު ދީފައި ހުރީ އެކި ކަހަލަ މަޝްރޫއުތަކަށް ދީފައި ހުރި ވަގުތީ ބިންތަކާއި އެއްކޮށާއި، މަގުތަކާއި ނަރުދަމާއަށް ވެސް ބެލުމެއް ނެތި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހުރިހާ ކަންކަމެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ރަނގަޅުކޮށް، އަމަލީގޮތުން ގޯތިތައް ހަވާލުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަވާލުކޮށްފައިވާ ބައެއް ގޯތިތަކުގައި އިމާރާތްކުރުމުގެ ހުއްދަވެސް މިހާރު ދީފައިވާކަމަށެވެ. އަދި ތިންވަނަ ފޭސްއާއި ގުޅީފަޅުގެވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެތަނުންވެސް ވައުދުވެފައިވާ ގޮތަށް ފައިނަލް ލިސްޓުގައި ގެޒެޓުކޮށްފައިވާ އެންމެނަށް ގޯތި ހަވާލުކޮށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތަންތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް އެކަން ކުރެވޭނެ ވަރުގެ ބޮޑު ކުންފުންޏަކާއި ހަވާލުކުރަން އެމްއޯޔޫގައި ސޮއި ކުރެވި ކޮންޓްރެކްޓާއި ހަމައަށްވެސް ދާނެ ކަމަށެވެ.

ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެ ފަޅު އެއްކޮށް ހިއްކިޔަސް ލިސްޓުގައި ތިބި ބޭފުޅުންނަށް ގޯތި ދެވޭނެ ޖާގަ ނެތުމުން، ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލިކަމަށެވެ. އޭގެ އިތުރަށް ފްލެޓްގެ ކަންތައްތައްވެސް ކުރިއަށްދާނީ ހަމަ ވައުދާއި އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.