ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފޭސްގައި އަޅަމުން އަންނަ ޓަވަރުތަކުގެ ތެރެއިން 408 ޝީޓެއްގެ މަސައްކަތް ނިމިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

Ads by Asuru

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްޑީސީ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށި ފަހުން މިދިޔަ ސަރުކާރުގައި 22 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 216 ޝީޓު ޖަހާފައިވާއިރު ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ޖުމްލަ 192 ޝީޓު ޖަހާފައިވާ ކަމަށެވެ.

ހަމްދާން ވިދާޅުވީ މާސްޓަރ ކޮންސްޓްރަކްޝަން ޝެޑިއުލަށް ބަދަލު ގެނެސް، ޓަވަރުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މަހަކު އެވްރެޖްކޮށް 10 ޝީޓުން، މަހަކު އެވްރެޖްކޮށް 48 ޝީޓަށް އިމާރާތް ކުރުމުގެ ރޭޓް އިތުރުކޮށްފައިވާކަމަށެވެ.

އެފްޑީސީގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 11 ޓަވަރުގެ މަސައްކަތް ނިންމާ ހަވާލުކުރުން ކަމަށް ހަމްދާން ވަނީ މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅު ވިދާޅުވެފައެވެ. އެގޮތުން މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި 250 ލޭބަރުން އިތުރަށް ގެނެސްގެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމްދާން އޭރު ވިދާޅުވިއެވެ.

އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓް ހިމެނެއެވެ. އެފްޑީސީން އެ ފްލެޓްތައް އަޅަން ހަވާލުކޮށްފައި ވަނީ ދެ ކޮންޓްރެކްޓަރުންނާއެވެ. އެގޮތުން ”އަމާން އުދަރެސް“ގެ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާ އެވެ. އަދި ”އަމާން ދޯދި“ ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.

އެ ފްލެޓުތައް އިމާރަތްކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދާފައިވެއެވެ. އެ ދެ ލޯނަށް ވެސް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފައެވެ.