ފިރިހެނުންނާއި ފިރިހެން ކުޑަކުދިންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި، ލިވާތު ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާނޫނީ ވަކީލު، އަދި އެމްޑީޕީގެ ރައީސްގެ ކޮއްކޮ ނާޒިމް ސަައްތާރު ހައްޔަރު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

މޮސްޓާ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެން ހައްޔަރު ކުރި ނާޒިމް ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް ޓެގް ކުރައްވައި، މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް މުޖްތަމައުގެ ސަލާމަތާ ރައްކާތެރިކަން މުހިންމު ނުވި ކަމަށެވެ. އެކަން މުހިންމު ނުވީ، ނާޒިމަކީ ނަޝީދުގެ ކޮއްކޮއަށް ވުމުންތޯ، އޭނާ ސުވާލު ކުރެއްވިއެވެ.

”ފިރިހެނުންނާއި ފިރިހެން ކުދިންގެ ރައްކާތެރިކަމަށް މިހާރުން މިހާރަށް މީނާ ހިފާ ހައްޔަރުކުރަން ޖެހޭނެ. ނޫނީ އެތަކެއް ފިރިހެން ކުދިންގެ މުސްތަގުބަލު ބަނަވެގެން ހިނގައިދާނެ.“

ނާޒިމް ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ހަމަވުމުން، ރޭގެ ވަގުތެއްގައި ފުލުހުންނެވެ. އޭނާގެ ބަންދު އިތުރުކުރަން ކޯޓަށް ނުގެންދިޔައީ ކީއްވެގެން ކަމެއް ސާފެއް ނޫނެވެ. ފުލުހުން ވަނީ ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައެވެ.