ތިލަދުންމަތީ އުތުރުބުރީ ވަނގާރަކީ އެއަތޮޅުގެ ތުރާކުނުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރ ސައީދު މިއަދު ހއ. ތުރާކުނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ ތުރާކުނުގެ ބައެއްގެ ގޮތުގައި ވަނގާރު ކަނޑައެޅުމުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ރައީސް މުއިއްޒަށް ކަމަށެވެ. ސައީދު ވިދާޅުވީ މި ކަމަކީ އެމަނިކުފާނު ވަރަށް ގާތުން ބައްލަވައިގެން ތުރާކުނުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި ހެލްތު މިނިސްޓަރ އިބްރާހިމް ހަލީލުވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހއ. ތުރާކުނަކީ 700 މީހުންގެ އާބާދީގެ ރަށެކެވެ. އެރަށާއި އެއްފަޅުގައި އިތުރު ރަށެއްވެސް ފަޅެއްވެސް ނޯވެއެވެ.

ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ރައީސް ވަނީ ގަލަގިލި ފަޅު، އުކުޅަހުގެ ބައެއްގެ ގޮތުގައިވެސް ކަނޑައަޅުއްވާފައެވެ. 1100 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ. 21 ހެކްޓަރުގެ އެރަށުގައި އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކެކޭވެސް އެއްފަދައިން ބިމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ.

ރައީސް މުއިއްޒު ވަނގާރަކީ ހއ. ތުރާކުނު ބައެއްގެ ގޮތުގައި އަދި ގަލަގިލި ފަޅަކީ އއ. އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ނެރުއްވި ދިވެހިރާއްޖޭގައި މިހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެމަނިކުފާނު ދާދި ފަހުން ވަނީ އަރިއަތޮޅު ދެކުނުބުރީ މާފަރު ފަޅަކީ އެއަތޮޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އއ. ވެދލިދުއްގާއަކީ އެ އަތޮޅު ބޮޑުފުޅަދޫގެ ބައެއްގެ ގޮތުގައާއި، ނ. ފަރުމުއްޔާއި ކަނޑިންމާހުރާއަކީ މާފަރުގެ ބައެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.