ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފޭސްގައި އަޅަމުން 4000 ފްލެޓު ނިންމާ، މި އަހަރު ތެރޭގައި ހަވާލުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

Ads by Asuru

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮންޖެހުންތަކާއެކު ވެސް މަސައްކަތަށް ދިމާވި ހީނަރުކަމުން އަރައިގަނެ، މި އަހަރުގެ ތެރޭގައި 4000 ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމްދާން ވިދާޅުވީ މި މަހު އެކަނިވެސް އެންބީސީސީގެ ފަރާތުން މި ޕްރޮޖެކްޓަށް އިތުރު 250 މަސައްކަތްތެރިން ގެންނަ ކަމަށެވެ. އަދި ސްޓްރަކްޗަރަލް މަސައްކަތްތައް ނިމުމުން، ފިނިޝިންގެ މަސައްކަތްތަކަށް ބޭނުންކުރާނީ ހުނަރުވެރި މަސައްކަތްތެރިން ކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މަސައްކަތްތެރިން އިތުރުކުރަނީ މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި ކަމަށާއި، މި މަހު ގެންނަ މަސައްކަތްތެރިންނާއެކު ޖުމްލަ 3000 މަސައްކަތްތެރިން މި މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހަމްދާން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޓަވަރުތަކުގެ ތެރެއިން 408 ޝީޓެއްގެ މަސައްކަތް ނިމިފައިވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ހަމްދާން ވިދާޅުވީ އެފްޑީސީ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށި ފަހުން މިދިޔަ ސަރުކާރުގައި 22 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 216 ޝީޓު ޖަހާފައިވާއިރު ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ޖުމްލަ 192 ޝީޓު ޖަހާފައިވާ ކަމަށެވެ.

ހަމްދާން އިއްޔެ ވިދާޅުވީ މާސްޓަރ ކޮންސްޓްރަކްޝަން ޝެޑިއުލަށް ބަދަލު ގެނެސް، ޓަވަރުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މަހަކު އެވްރެޖްކޮށް 10 ޝީޓުން، މަހަކު އެވްރެޖްކޮށް 48 ޝީޓަށް އިމާރާތް ކުރުމުގެ ރޭޓް ވެސް އިތުރުކޮށްފައިވާކަމަށެވެ.

ހަމްދާން އިތުރަށް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމަވާފައިވާ މަޝްރޫއުގެ ސްކޯޕްގައި، ޓަވަރުތައް ޕަވަރ ގްރިޑަށް ގުޅާލުމާއި، ސެކިއުރިޓީ ސިސްޓަމްތަކާއި، ޓަވަރުތަކާއި ކުއްޔަށް އުޅޭ ފަރާތްތަކަށް އިންޓަނެޓާއި އެހެނިހެން މީޑިއާކަނެކްޓް ކުރެވޭނެ ގޮތަށް ޖީ.ޕީ.އޯ.އެން ނެޓްވޯކް، ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ފަދަ މުހިންމު ހިދުމަތްތަކާއި ވަސީލަތްތައް ހިމަނާފައި ނުވާކަމަށެވެ. އެހެންކަމުން ކުރީގެ ސަރުކާރުން ބާކީކުރި މި އިތުރު މަސައްކަތްތައް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާގެ އިންޖެކްޝަނެއް ބޭނުންވާކަމަށާއި، އެ މަސައްކަތްތަކަށް ފައިނޭންސިން ހޯދުމުގެ މަސައްކަތް އެފްޑީސީން ސަރުކާރާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓް ހިމެނެއެވެ. އެފްޑީސީން އެ ފްލެޓްތައް އަޅަން ހަވާލުކޮށްފައި ވަނީ ދެ ކޮންޓްރެކްޓަރުންނާއެވެ. އެގޮތުން ”އަމާން އުދަރެސް“ގެ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާ އެވެ. އަދި ”އަމާން ދޯދި“ ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.

އެ ފްލެޓުތައް އިމާރަތްކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދާފައިވެއެވެ. އެ ދެ ލޯނަށް ވެސް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފައެވެ.