ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހުއްޓުވޭނެކަން ފާހަގަކުރައްވައި، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ މުހިންމުކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.

Ads by Asuru

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމައިލަން ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރައީީސް މުއިއްޒު ވަނީ، އިދިކޮޅު ޕާޓީތަކުގެ ވިޕް ލައިންތައް ފޮލޯކޮށްގެން، ރައްޔިތުންގެ މަޖިލީހުގައި ދޭ ވޯޓުގެ ސަބަބުން ގެއްލުންވަނީ ރައްޔިތުންނަށް ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާއިރު، އެކަން ހުއްޓުވާނެ، ނުވަތަ ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިހާބު ނުކުރުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

”ރައްޔިތުން ބޭނުންވަނީ ތަރައްގީ، ހުރިހާ މާނައެއްގަ ތަރައްގީ.“ ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ބޮޑީ، ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި، އެ މައްސަލައިގެ ހައްލަށް، ސަރުކާރަށް އެއްބާރުލުންދީ، ގެދޮރުވެރިކަމާ ގުޅުންހުރި ގާނޫނުތައް ފާސްކޮށްދޭނެ މެމްބަރުން މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

”އަޅުގަނޑު ބޭނުމެއް ނޫން މިކަމުގައި، ބޭކާރު ވެގެންދާ އަހަރުތަކަކަށް، ކުރިއަށް މި އޮތް އަހަރުތައް ހަދާކަށް.“ ރައީީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅެމުންދާ ރައްޔިތުން ގެދޮރުވެރި ކުރުވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި، މިއަދު ވެސް ހުންނެވީ އެކަން ކޮށްދެއްވުމަށް ކަމަށެވެ. ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ، މިކަން ވެސް ހުއްޓުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.