ސިޔާސީ ގޮތުން ކޮންމެ ފިކުރަކަށް، ނުވަތަ ޕާޓީ އަކަށް ނިސްބަތް ވިޔަސް، މާދަމާ ނުކުމެ ސަރުކާރުގެ ކެންޑިޑޭޓުން ހޮވަން ރައީސުލްޖުމްހޫރިއްޔާ، އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Asuru

ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ނިންމައިލަން މިއަދު އިރުއޮއްސި 6:00 ގެ ކުރިން ބޭއްވި ހިނގާލުމަށް ފަހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާދަމާ ނުކުމެ ލާ ވޯޓަކީ ސިޔާސީ ވޯޓެއް ނޫން ކަމަށާއި، އެއީ ގައުމީ ވިސްނުމުގައި ކުރާން ޖެހޭ ކަމެއް ކަމަށެވެ.

އަދި ދިވެހި ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ދިނުމަށްޓަކައި ކޮންމެ ޕާޓީއަކަށް ތާއީދު ކުރިޔަސް، މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވަން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

”އަޅުގަނޑުމެންގެ ފަރާތުން ލިބިގެންދާނީ، އިހްލާސްތެރި ހިދުމަތް، އިހްލާސްތެރިކަން ފެނިގެންދާނީ. މާދަމާގެ ވޯޓުގައި، އަޅުގަނޑުމެންގެ ކެންޑިޑޭޓު ނިސްބަތްވަނީ ތިމަންނަގެ އާއިލާއަށް ކަމަށް ވަންޏާ ވޯޓު ދިނުމުގެ ވިސްނުން ދޫކޮށްލައްވާ.!“ އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ހުރިހާ ޒާތީ ތައައްސުބަކަށްވުރެ ދިވެހި ގައުމުގެ މަސްލަހަތު މުހިންމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދަރީންގެ މުސްތަގުބަލު އުޖާލާ ކޮށްދިނުމުގެ މަސްލަހަތު މާ ބޮޑު ކަމަށެވެ.

 

ަ